ޚަބަރު

ސަރުކާރުން ކަނޑައަޅާ ވިޔަފާރިތަކުގައި އިންވެސްޓްކުރާ ބިދޭސީނަށް ވިސާ ލިބޭ އިޞްލާހު ތަސްދީގުކޮށްފި


ރާއްޖޭގައި ދެ ލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރުގެ އިންވެސްޓް ކުރާ ބިދޭސީންނަށް ދިގުމުއްދަތަކަށް ވިސާ ލިބޭ އިޞްލާހުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވި މި އިޞްލާހަކީ މިމަހުގެ 9ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިޞްލާހެކެވެ. ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤްކުރެއްވި މިއިސްލާހުގެ ދަށުން ރާއްޖޭގައި ބިދޭސީއަކު ހުރުމުގެ ހުއްދަދެވޭ އިތުރު ދެވީޒާއެއް ވަނީ އިތުރުވެގެން ގޮސްފައެވެ. އެއީ، މީޓިންގ ވީޒާއާއި ކޯޕަރޭޓް ރެސިޑެންޓް ވީޒާއެވެ. މި ޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގައިވާ ގޮތުގެމަތިން، މި ވީޒާތައް ދޫކުރާނީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަނެވެ.

މީޓިންގ ވީޒާއަކީ، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން ކަނޑައަޅާ ގޮތެއްގެ މަތިން، ރަޖިސްޓްރާރ އޮފް ބިޒްނަސަސް ޤަބޫލުކުރާ ވިޔަފާރިއަކާ ގުޅުންހުރި ބައްދަލުވުމެއް، ނުވަތަ ދަޢުލަތުގެ މުއައްސަސާއެއްގެ ބޭނުމަށް ރާއްޖޭގައި ބޭއްވޭ ބައްދަލުވުމެއް، ނުވަތަ އެ ނޫން ވެސް ފަރާތަކުން އިންތިޒާމްކޮށްގެން ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ހުއްދަ ލިބިގެން ބާއްވާ ބައްދަލުވުމެއް، ނުވަތަ ކޮންފަރެންސެއް، ނުވަތަ ކޮންވެންޝަނެއްގައި ބައިވެރިވުމަށް އަންނަ ބިދޭސީއަކަށް، ކުރު މުއްދަތަކަށް ރާއްޖޭގައި ހުރުމަށް، މި ޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން ދެވޭ ހުއްދައެކެވެ.

ކޯޕަރޭޓް ރެސިޑެންޓް ވީޒާއަކީ ރަޖިސްޓްރާރ އޮފް ބިޒްނަސަސް ކަނޑައަޅާ ގޮތެއްގެ މަތިން، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ފޮރިން އިންވެސްޓްމަންޓެއްގެ ހިއްސާދާރެއް ނުވަތަ ޑިރެކްޓަރެއް ނުވަތަ ޕާޓްނަރެއް ނުވަތަ އެ ނޫން ވެސް އިސް ފަރާތެއް، އަދި އެއިން ފަރާތެއްގެ ޢާއިލާގެ މެންބަރެއް، ރާއްޖޭގައި ވަޒީފާއަދާކުރާ މީހެއްގެ ގޮތުގައި ނޫން ގޮތަކަށް، އެ ފޮރިން އިންވެސްޓްމަންޓް ނުވަތަ އެ ވިޔަފާރި ހިންގުމުގެ ބޭނުމަށް ދިގު މުއްދަތަކަށް ރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށް ދެވޭ ހުއްދައެވެ. އަދި ދިވެހިރާއްޖޭގެ ބޭންކެއްގައި މަދުވެގެން 250,000 (ދެ ލައްކަ ފަންސާސް ހާސް) އެމެރިކާ ޑޮލަރު 5 (ފަހެއް) އަހަރުގެ މުއްދަތަށް ފިކްސްޑް ޑިޕޮސިޓް އެކައުންޓެއްގައި ބަހައްޓައި، ދިވެހިރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށް ދެވޭ ހުއްދައަކީ ވެސް ކޯޕަރޭޓް ރެސިޑެންޓް ވީޒާއެވެ. ހަމަ އެއާއެކު ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ ދަށުން، ސަރުކާރުން ކަނޑައަޅާ ވިޔަފާރިތަކުގައި މަދުވެގެން 250,000 (ދެ ލައްކަ ފަންސާސް ހާސް) އެމެރިކާ ޑޮލަރު އިންވެސްޓްކޮށް، ދިވެހިރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށް ދެވޭ ހުއްދައަކީ ވެސް ކޯޕަރޭޓް ރެސިޑެންޓް ވީޒާއެވެ.

މި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމާއި ގުޅިގެން މިބިލު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރައްވާފައެވެ.