ކީރިތި ޤުރްއާން ބަލައިގެންކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތް 2020 އަށް ބައިވެރިންގެ ކިޔެވުމުގެ ރެކޯޑިން ވައިބާ މެދުވެރިކޮށް ފޮނުވޭގޮތް ހަމަޖައްސައިފިއެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވިދާޅުވީ، ކީރިތި ޤުރުއާން ބަލައިގެންކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތް 2020ގެ ޕޯޓަލް އަށް، ކިޔެވުމުގެ ރެކޯޑިން ހުށަހަޅަން ދަތިވާ ބައިވެރިންނަށް 7321728 ވައިބަރ ނަންބަރަށް ވީޑިއޯ ފޮނުވުމުގެ އިންތިޒާމު މިހާރު ހަމަޖައްސައިދީފައި ވާކަމަށެވެ. މި ގޮތަށް ހަމަޖައްސާފައި މިވަނީ ބައެއް ބޭފުޅުންނަށް ކިޔެވުމުގެ ރެކޯޑިން ޕޯޓަލްއަށް ހުށަހެޅުމުގައި ދަތިތަކެއް ދިމާވަމުން އަންނަ ކަމުގެ ޝަކުވާ މިނިސްޓްރީން ލިބެމުން އަންނާތީކަމުގައި އެމިނިސްޓްރީން ވިދާޅުވެއެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިންތިޒާމު ކޮށްގެން ބާއްވާ "ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތް 2020" އަކީ މީގެ ކުރިން ބާއްވަމުންދިޔަ ޤައުމީ މުބާރާތާއި ޚިލާފަށް މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް ވާޗުއަލްކޮށް ޤައުމީ ފެންވަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމުގެ ޚާއްޞަ މުބާރާތެކެވެ.
މި މުބާރާތް ހުޅުވާލެވިފައިވަނީ މުޖައްވަދުކޮށް (ދިގު ރާގު) އަދި ޙަދަރުކޮށް (ކުރު ރާގު) ކިޔަވާ ގޮތަށެވެ. މުބާރާތުގެ އޮޑިޝަން އޮންނާނީ 2020 ނޮވެމްބަރ 16 އިން 2020 ނޮވެމްބަރ 28 ގެ ނިޔަލަށްކަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވިދާޅުވެފައިވެއެވެ.