އަންހެނުންނާއި އަންހެން ކުދިންނަށް ރައްކާތެތި މާޙައުލެއް ޤާއިމްކޮށްދިނުމަކީ މިސަރުކާރުގެ އަމާޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދަޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާތަށް ހުއްޓުވުމަށް މަސައްކަތް ކުރާ ދުވަސް ފާހަގަކުރުމުގެ މުނާސަބަތުގައި ދެއްވި މެސެޖުގައެވެ. އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް މަސައްކަތް ކުރާ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިއަދު ދެއްވި މެސެޖުގައި ވިދާޅުވީ އަންހެނުންނަށް އަދި އަންހެން ކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.
ނިސްބަތުން ކޮންމެ 3 އަންހެނުންގެ ތެރެއިން އެކަކަކީ ކޮންމެސް ބާވަތެއްގެ އަނިޔާ ތަހައްމަލުކުރަމުން އަންނަ މީހެއްކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ އަނިޔާ ލިބިފައިވާ ގިނަ މީހުންނަށް އެކަމުން އަރައިގަނެ ބޭނުންވާ ސިއްހީ އެހީތެރިކަން ނުލިބޭކަމަށެވެ. އަދި ކުށްވެރިންގެ ތެރެއިން ގިނަ މީހުނަށް ހައްގު އަދަބުދެވިފަނުވާކަންވެސް ނައިބު ރައީސް ފާހަގަ ކުރެއްވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން މި މައްސަލަ ހައްލުކުރުމަށް ވަރަށް ބޮޑު އިސްކަމެއްދޭކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަމަށެވެ.
ކޯވިޑް-19ގެ ސަބަބުން ސަރުކާރުން މިފަދަ މައްސަލަތަކަށް އަޅަމުން އައި ފިޔަވަޅުތައް ކޮންމެވެސް ވަރަކަށް މަޑުޖެހުމުގެ ސަބަބުން އަންހުންނަށްކުރާ އަނިޔާގެ އެކި މައްސަލަތަށް އިތުރު ވެފަވާއިރު، ޕެންޑެމިކަށް ފަހު އަލުން ރާއްޖޭގެ އިގްތިސާދު ހިނގައިގަންނައިރު މިކަމަށްވެސް އިތުރު ފިޔަވަޅުތައް އަލާނެކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
އަނިޔާތަކުގެ ޝިކާރައަކަށް ވެފައިވާ އަންހެނުންނަށް ރައްކާތެރި މާހައުލެއް ގާއިމް ކޮށްދިނުމާ، މުޖުތަމައު ތެރޭގައި މިފަދަ ކަންކަމަށް ނުވަތަ އަނިޔާގެ ޝިކާރައަކަށް ވެފަވާ ފަރާތްތަކާމެދު ދެކޭގޮތް ބަދަލުކޮށް ކުށުގެ ޝިކާރައަކަށް ވާ ފަރާތްތައް މުޖުތަމައުން ބާކީ ވިޔަނުދިނުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކޯވިޑް-19ގެ ޕެންޑެމިކް ތެރޭގައިވެސް މިފަދަ މައްސަލަތައް ރިޕޯޓްކުރުމަށް ވަރަށްބޮޑަށް ބާރުއެޅުނުކަމަށާ، މައްސަލަތައް ރިޕޯޓް ކުރުމުގެ ކަންކަން ރަނގަޅަށް ބެލެހެއްޓުމާއި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް އިންސާފު ހޯދުމަށް ފަސޭހަވާނެ ގޮތްތަކެއް ހަމަޖެހުމަކީ ސަރުކާރުގެ މުހިންމު މަސައްކަތެއްކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް މަސައްކަތްކުރާ ދުވަސް ފާހަގަކުރާއިރު އެންމެމުހިންމު ކަމަކީ އަންހެނުންނަށް ލިބޭ އެކިކަހަލަ އަނިޔާތައް ހުއްޓުވުމާއި އެފަދަ އަނިޔާކުރާ ފަރާތްތަކަށް ހައްގު އަދަބުދީ އެފަރާތްތަކަށް އިންސާފު ހޯދަދިނުންކަން ނައިބުރައީސް ފާހަގަކުރެއްވިއެވެ.