ޚަބަރު

މިސްކިތްތަކުގައި ނިދާ ކައިބޮއި ހަދާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފި


މިސްކިތްތަކުގައި ނިދާ ކައިބޮއި ހަދާ މީހުންގެ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ފަށައިފިއެވެ.

މިއީ މާލޭސިޓީގައި ބޯހިޔާވަހިކަމެއް، އަޅާލާނެ ބަޔަކު ނެތި މަގުމަތިވެފައިވާ ފަރާތްތަކުން ބައެއް މިސްކިތްތަކުގައި ފެންވަރައި، ނިދާ ކައިބޮއި ހަދާކަމުގެ ޝަކުވާ ލިބެމުންދާތީ އެކަން ހައްލުކުރެއްވުމަށް ފެއްޓެވި މަސައްކަތެއްކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.

ހޯމް މިނިސްޓްރީން ވިދާޅުވީ އެ މިނިސްޓްރީން އިސްވެ، އެކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ފެއްޓެވީ އޭގެތެރެއިން ގިނަ ފަރާތްތަކަކީ ކުށުގެ ރެކޯޑް އޮންނަ ނުވަތަ މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައްކަމުގައި ފާހަގަކުރެވޭތީކަމަށެވެ.

މިނިސްޓަރ ޢިމްރާން ޢަބްދުﷲ މިއަދު ވަނީ މިކަމާ ގުޅުންހުރި ދާއިރާތަކާއި ބައްދަލުކުރައްވާ މިކަން ހައްލުކުރެއްވުމަށް ކުރެވޭނެ މަސައްކަތްތަކާއި، އަޅުއްވާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މިމަސައްކަތް ހައްލުކުރެއްވުމަށްޓަކައިވަނީ ޚާއްސަ ކޮމިޓީއެއް އެކުލަވާލައްވާފައެވެ. އެގޮތުން މިނިސްޓަރ އޮފް ހޯމްއެފެއާޒް އެކުލަވާލެއްވި މިކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ހޯމް މިނިސްޓްރީގެ އިތުރުން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި، ނޭޝަނަލް ޑްރަގް އެޖެންސީއާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މާލޭ ސިޓީ ކައުންސިލްގެ ބޭފުޅުންނެވެ..