ޚަބަރު

އޯ.އައި.ސީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރ ނައިޖަރއަށް ފުރާވަޑައިގެންފި


އޯގަނައިޒޭޝަން ފޮރ އިސްލާމިކް ކޯޕަރޭޝަން، އޯ.އައި.ސީގެ ޚާރިޖީ ވަޒީރުންގެ 47 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު، ނައިޖަރއަށް ފުރާވަޑައިގެންފިއެވެ.

ރިޕަބްލިކް އޮފް ނައިޖަރގެ ވެރިރަށް ނިއާމޭގައި ނޮވެމްބަރު 27 އިން 28 އަށް ބާއްވާ (އޯ.އައި.ސީ)ގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ މިފަހަރުގެ ޝިއާރަކީ "ތަރައްޤީއަށް ހަމަޖެހުމަށް ގުޅިގެން ޓެރަރިޒަމާ ދެކޮޅަށް" މިޝިއާރެވެ.

މިބައްދަލުވުމުގައި، ކޯވިޑް-19 ގެ ޙާލަތު ރާއްޖޭގައި އޮތް ގޮތާއި، އެކަމުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކާ ދެކޮޅަށް ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކާ ބެހޭ ގޮތުން މިނިސްޓަރ ވާހަކަފުޅު ދައްކަވާނެއެވެ. އަދި އިސްލާމީ އުއްމަތަށް މިވަގުތު ކުރިމަތިވެފައިވާ ކަންކަމާމެދު ދިވެހިރާއްޖެއިން ދެކޭ ގޮތް ހާމަކުރައްވައި، އުއްމަތް އެކަތިގަނޑަކަށް ވުމަށް ގޮވާލައްވާނެއެވެ. މީގެ އިތުރުން މި ބައްދަލުވުމުގެ ހަވާސާގައި ބައެއް ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއެކު މިނިސްޓަރ ޝާހިދު ބައިލޭޓަރަލް ބައްދަލުވުންތައް ބާއްވަވާނެއެވެ.

މިނިސްޓަރ ޝާހިދުގެ އަރިހުގައި މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ ދިވެހިރާއްޖެއިން ސަޢޫދީ ޢަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަދި އޯ.އައި.ސީއަށް ކަނޑައަޅާފައި ހުންނަވާ ޚާއްސަ މަންދޫބު މުޙައްމަދު ޚަލީލްއާއި، މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ އަހުމަދު ސަލްމާން ޒަކީ އެވެ.

އޯ.އައި.ސީ ޚާރިޖީ ވަޒީރުންގެ ކައުންސިލަކީ ޖަމްއިއްޔާގެ ސިޔާސަތުތައް ތަންފީޒުކުރުމާ ބެހޭ ގޮތް ކަނޑައަޅައި، އިސްލާމިކް ސަމިޓްގައި ޤައުމުތަކުގެ ވެރިން ނިންމަވާ ނިންމެވުންތައް ތަންފީޒުކުރެވެމުންދާ މިންވަރު މޮނީޓަރކޮށް، އުއްމަތުގެ މުހިއްމު މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާ ކައުންސިލެވެ. ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރާނީ އޯ.އައި.ސީ ސެކްރެޓޭރިއޭޓުންނެވެ.

ދިވެހިރާއްޖެއިން އޯ.އައި.ސީގެ މެމްބަރު ޤައުމަކަށްވީ 1976 ވަނަ އަހަރުއެވެ. އަދި އެއަށްފަހު އެޖަމްއިއްޔާގެ ޙަރަކާތްތަކުގައި އަބަދުވެސް ބައިވެރިވެއެވެ. އޯއައިސީގެ މެމްބަރު ޤައުމުތަކުގެ ގޮތުގައި 57 ޤައުމު އޮވެއެވެ.