ޚަބަރު

ރާއްޖެއިން ޔޫ.އޭ.އީއަށް ކަނޑައެޅުއްވި އައު ސަފީރު އެ ޤައުމުގެ ނައިބު ރައީސަށް ފަތްކޮޅު އަރުވައިފި


ދިވެހިރާއްޖެއިން އެކުވެރި ޢަރަބި އިމާރާތަށް ކަނޑައެޅުއްވި ސަފީރު އާމިނަތު ޝަބީނާ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، އެކުވެރި ޢަރަބި އިމާރާތުގެ ނައިބު ރައީސް، ޕްރައިމް މިނިސްޓަރ، މިނިސްޓަރ އޮފް ޑިފެންސް، އަދި ރޫލަރ އޮފް ދުބާއި، ޝެއިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްއަށް އަރުވައިފިއެވެ.

އަބޫދާބީގައި ހުންނަ ޤަސްރު އަލް ވަޠަން ގަނޑުވަރުގައި ބޭއްވެވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އިތުރުން 7 ޤައުމަކުން ސަފީރުން ފަތްކޮޅު އެރުވިއެވެ.

އެ ރަސްމިއްޔާތުގެ ފަހުން ބޭއްވި ބައްދަލުވުމުގައި ޝެއިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމް ދެއްކެވި ވާހަކަފުޅުގައި ސަފީރުކަމުގެ ފަތްކޮޅު އެރުވުނު ހުރިހާ ސަފީރުންނަށް މަރްހަބާ ވިދާޅުވެ، އެ ބޭބޭފުޅުންގެ ޤައުމުތަކާއެކު އިތުރަށް ގުޅުންތައް ހަރުދަނާކުރުމަށް އެކުވެރި ޢަރަބި ޢިމާރާތުން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އެރުއްވިއެވެ. އަދި މިކަންކުރުމުގައި ސަފީރުންގެ މަސައްކަތްޕުޅަށް ބޭނުންފުޅުވާ ކަންކަމުގައި އެކުވެރި ޢަރަބި އިމާރާތުގެ ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނޭކަން ކަށަވަރު ކޮށްދެއްވިއެވެ.

ދިވެހިރާއްޖެއިން އެކުވެރި ޢަރަބި ޢިމާރާތަށް ކަނޑައެޅުއްވި ސަފީރު އާމިނަތު ޝަބީނާ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ފަރާތްޕުޅުންނާއި ދިވެހި ސަރުކާރު، އަދި ދިވެހި ރައްޔިތުންގެ ފަރާތުން އެކުވެރި ޢަރަބި ޢިމާރާތުގެ ވެރިންނަށާއި ސަރުކާރަށް އަދި ރައްޔިތުންނަށް ފުރިހަމަ ޞިއްޙަތާއި ކާމިޔާބީ އަދި ހެޔޮ ދުޢާ އަރިސް ކުރެއްވިއެވެ. އަދި ސަފީރުގެ ހައިސިއްޔަތުން ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތްގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށް މަސައްކަތް ކުރައްވާނޭ ކަމުގެ ޔަޤީންކަން ދެއްވިއެވެ.