ޚަބަރު

ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ޖޭއެސްސީން ބަލަން ފަށަފައިފި


ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަލަން ފަށައިފިއެވެ.

ޖޭއެސްސީން ވިދާޅުވީ ސުލޫކީ މައްސަލަތައް ތަޙްގީގްކުރަމުން އަންނަނީ ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓާއި، ހދ.ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ އިތުރުން ތ.ކަނޑޫދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ މައްސލަކަމަށެވެ.

މިގޮތުން ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަޙްމަދު އަކްރަމްގެ ސުލޫކީ މައްސަލައެއްގެ ގޮތުގައި ތަހުގީގްކުރަމުން އަންނަނީ އޭނާ ބެއްލެވި މައްސަލައެއް ހިންގުމުގައި އެކަށީގެންނުވާ މިންވަރަށް ލަސްވެފައިވާކަމަށް ބެލެވޭ މައްސަލައެއްކަމަށް ޖޭއެސްސީން ވިދާޅުވެއެވެ. ހދ.ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ޢަލީ އާދަމްގެ ސުލޫކީ މައްސަލައެއްގެ ގޮތުގައި ތަހުގީގްކުރަމުން އަންނަނީ ޖަމްޢިއްޔާއެއް އުފައްދާ އެ ޖަމްޢިއްޔާގެ ހަރަކާތްތައް ރާވާ ހިންގުމުގައި ޢަމަލީގޮތުން ބައިވެރިވާކަމަށް ބުނާ މައްސަލައަކާއި ތަފްރީޤުކޮށްފައިވާ ކައިވެންޏެއް ރުޖޫޢަކޮށްދިން ކަމަށް ބުނާ މައްސަލައަކާއި، މުޒާހަރާތަކުގައި ބައިވެރިވެ ޝުޢޫރު ފާޅުކޮށް ސޯޝަލް މީޑިއާގައި ފަނޑިޔާރަކު
ހިއްސާކޮށްގެން ނުވާނެފަދަ ޚިޔާލުތައް ފާޅުކުރާކަމަށް ބުނާ މައްސަލައެއްކަމަށްވެސް ޖޭއެސްސީން ވިދާޅުވެއެވެ.

މީގެ އިތުރުން ތ.ކަނޑޫދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަލީ ޝަރީފްގެ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބަލަ،މުން އަންނަނީ ޤާނޫނު ހުއްދަކުރާ މިންވަރަށްވުރެ ގިނައިން ކުޑަކުދިން އަރުވައިގެން ސައިކަލް ދުއްވާކަމަށް ބުނާ މައްސަލައެއްކަމަށް ޖޭއެސްސީން ބުނެއެވެ. މިމައްސަލަތައް ތަހުގީގްކުރުމަށް ތަޙްޤީޤު ކޮމިޓީ އެކުލަވާލާފައިވާކަމަށްވެސް ޖޭއެސްސީން ވިދާޅުވެއެވެ.