ދުނިޔެ

ނަތަންޔާހޫއާއި ސަޢުދީ ވަލީއަޚުދު ބައްދަލުކުރެއްވި: އިސްރާއީލުގެ ވަޒީރު


އިސްރާއީލުގެ ބޮޑުވަޒީރު ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކުރައްވާ އެ ޤައުމުނެ ވަލީއަޚުދު، މުޙައްމަދު ބިން ސަލްމާންއާއި ބައްދަލުކުރައްވާފައިވާކަން އިސްރާއީލުގެ މީޑިއާތަކުން ބުނެފިއެވެ. އިސްރާއީލުގެ ރަސްމީ ފަރާތަކުންވަނީ އެއީ ހިންގިކަމެއްކަން ޔަޤީންކޮށްދީފައެވެ.

އިސްރާއީލުގެ ބައެއް ނޫސް އިދާރާތަކުންވަނީ ސިއްރު ބައްދަލުވުންތަކެއްގައި ބައިވެރިވެވަޑައިގަތުމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެމްޖަމިން ނަތަންޔާހޫއާއި އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮންޕެއޯ ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކުރައްވާފައިވާކަމަށް ރިޕޯޓުކޮށްފައެވެ. ސަޢުދީ ޢަރަބިއްޔާގެ ތާބޫކު ޕްރޮވިންސުގައި އޮންނަ ސަރަޙާއްދީ ރޮނގު ހުރަސްކުރާ ސިޓީއެއްކަމަށްވާ ނިޔޫމަށް ސިއްރިޔާތުގައި ބޮޑުވަޒީރު ނަތަންޔާހޫ ދަތުރުކުރައްވާފައިވާކަމަށް އެ ރިޕޯޓުތަކުގައިވަނީ ބުނެފައެވެ.

ނަމަވެސް ސަޢުދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު، އަމީރު ފައިސަލް ބިން ފަރްހާން އައްސައުދު ވަނީ އެކަން ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ އޭނާއާއި ޕޮންޕެއޯއާއި ވައިގެ ބަނދަރުން ބައްދަލުކުރައްވާ މަޝްވަރާގެ މަޖިލީހަށް ވަޑައިގަތީ ދެ ބޭފުޅުން އެކުގައިކަމަށެވެ. އެ މަޝްވަރާތަކުގައި ބައިވެރިވެފައިވަނީ ހަމައެކަނި އެމެރިކާއާއި ސަޢުދީ ޢަރަބިއްޔާގެ ރަސްމީ ފަރާތްތަކުންކަމަށް އޭނާ ވިދާޅުވިއެވެ. ބައްދަލުވުމަށްފަހު ޕޮންޕެއޯ އެނބުރި ވައިގެ ބަނދަރަށް ގެންދެވީ އޭނާކަމަށް ވަޒީރު ކިޔައިދެއްވިއެވެ.

ބައްދަލުވުމަށްފަހު ފުރަތަމަ ފަހަރަށް އާންމުކޮށް ވާހަކަ ދައްކަވަމުން ބޮޑުވަޒީރު ނަތަންޔާހޫ ސަޢުދީ ޢަރަބިއްޔާއަށް ކުރެއްވިކަމަށް ބުނާ ސިއްރު ދަތުރާއިމެދު އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. އޭނާގެ ކަނާތު ފިޔައިގެ ލިކުޑް ފެކްޝަނުގެ ބައްދަލުވުމެއްގައި ސަޢުދީ ޢަރަބިއްޔާއަށް ކުރެއްވިކަމަށް ބުނާ ދަތުރާއި ގުޅޭގޮތުން ސުވާލުކުރެއްވުމުން ނަތަންޔާހޫ ވިދާޅުވީ އޭނާއަކީ އެއް އިރެއްގައިވެސް އެފަދަ ކަންކަމާއި ގުޅޭގޮތުން ބަސް ވިދާޅުވާ ބޭފުޅެއް ނޫންކަމަށާއި ކުރިއަށް އޮތްތަނުގައިވެސް އެގޮތަށް ޢަމަލުނުކުރައްވާނެކަމަށެވެ.

ނަމަވެސް އިސްރާއީލުގެ ދިފާޢީ ވަޒީރު ބެނީ ގެންޓްޒްވަނީ ސަޢުދީ ޢަރަބިއްޔާއަށް ކުރެއްވި ސިއްރު ދަތުރުގެ މަޢުލޫމާތު ނޫސް އިދާރާތަކުން ޙިއްޞާކޮށްފައިވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ޢަމަލެއްގެގޮތުގައި ސިފަކުރައްވާފައެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮންޕެއޯގެ ތަރުޖަމާނުވަނީ ދަތުރާއި ގުޅޭގޮތުން އެއްވެސް އެއްޗެއް ވިދާޅުވުމަށް ދެކޮޅު ހައްދަވާފައެވެ.