ދުނިޔެ

ވެރިކަމުގެ ބާރުތައް ބަދަލުކުރަން ރަސްމީކޮށް ފެށުމުގެ ޙުއްދަ އެންމެފަހުން ބައިޑަނަށް


ނޮވެމްބަރު މަހުގެ 3ވަނަ ދުވަހު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ބަލައިގަތުމަށް އެތައް ދުވަހެއް ވަންދެން ދެކޮޅުހައްދަވަމުންދިޔަ އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަންޕު، އިންތިޚާބީ ރައީސް ޖޯ ބައިޑަންގެ އިންތިޤާލީ ވަފުދުގެ މަސައްކަތް ފެށުމަށް އެންމެ ފަހުން ޙުއްދަ ދީފިއެވެ.

މި މަހުގެ ކުރީ ކޮޅުގައި ބޭއްވި ރިޔާސީ އިންތިޚާބު ބޮޑު ފަރަގަކުން ކާމިޔާބުކުރައްވާފައިވަނީ ޑިމޮކްރަޓުންގެ ފަރާތުން ވާދަކުރެއްވި ޖޯ ބައިޑަންއެވެ. ރައީސްކަމުގެ މަޤާމު ހޯދުމަށް ބޭނުންވާ 270 އިލެކްޓޯރަލް ޔަޤީންކުރައްވާ ބައިޑަންވަނީ 302 އިލެކްޓޯރަލް ވޯޓު ކާމިޔާބުކުރައްވާފައެވެ. އޭގެ ބަދަލުގައި ޓްރަންޕަށް ލިބިވަޑައިގެންފައިވަނީ 232 އިލެކްޓޯރަލް ވޯޓެވެ.

ރައީސް ޓްރަންޕުވަނީ ރިޔާސީ އިންތިޚާބުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރިކަމަށް ވިދާޅުވެ އިންތިޚާބުގެ ނަތީޖާ ބަލައިގަތުމަށް ދެކޮޅު ހައްދަވާފައެވެ. ނަމަވެސް އެކަމަށް ބާރުދޭ އެއްވެސް ހެއްކެއް ދައްކަވާފައެއް ނުވެއެވެ. ރައީސް ޓްރަންޕުގެ ކެންޕެއިނުގެ ފަރާތުންވަނީ އިންތިޚާބަށް މުހިންމު ގިނަ ސްޓޭޓުތަކެއްގައި ޤާނޫނީ މައްސަލަތައް ހުށަހަޅައި ވޯޓު ބާޠިލްކުރުމަށް މަސައްކަތްކުރައްވާފައެވެ. ނަމަވެސް އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ ގިނަ ޢަދަދެއްގެ އިސް ފަރާތްތަކުންވެސްވަނީ ބަލި ޤަބޫލުކުރައްވާ އިންތިޤާލީ ވަފުދަށް ފުރުޞަތު ދިނުމަށް ރައީސް ޓްރަންޕަށް ނަޞޭޙަތްތެރިވެވަޑައިގެންފައެވެ.

ބަލި ޤަބޫލުކުރައްވަން ދެކޮޅު ހެއްދުވުމުގެ ސަބަބުން ބައިޑަންގެ އިންތިޤާލީ ވަފުދަށްވަނީ ޖަނަވަރީ މަހުގެ 20ވަނަ ދުވަހު ވެރިކަމާއި ޙަވާލުވާ އައު ސަރުކާރު އެކުލަވާލުމުގައި ދަތިތަކާއި ކުރިމަތިލާންޖެހިފައެވެ. އެގޮތުން ރަސްމީ ޙައިޞިއްޔަތުން ރަސްމީ އިދާރާތަކާއި ބައްދަލުކޮށް މަޝްވަރާތައް ބޭއްވުމާއި ސަރުކާރު އެކުލަވާލައި ވެރިކަމާއި ޙަވާލުވުމަށް ތައްޔާރުވުމަށް ދަޢުލަތުން ކަނޑައަޅާފައިވާ ފައިސާ ބޭނުންކުރުމަށްވަނީ ހުރަސްއެޅިފައެވެ. ނަމަވެސް ރައީސް ޓްރަންޕު ބަލި ޤަބޫލުކުރައްވަންދެން މަޑުނުކުރައްވާ، ބައިޑަނާއި އޭނާގެ ވަފުދުންވަނީ އިންތިޤާލީ މަރުޚަލާގެ މަސައްކަތް ފައްޓަވާފައެވެ. ޑިމޮކްރަޓުން ބުނަމުންދަނީ ބަލި ޤަބޫލުކުރައްވަން ރައީސް ޓްރަންޕު ދެކޮޅު ހެއްދެވުމަކީ ދިމުކުރާތީ ހަމަތަކާއި އެއްގޮތް އަޚުލާޤެއް ނޫންކަމަށެވެ.

މިހާތަނަށްވެސް އިންތިޚާބުގައި ނާކާމިޔާބުވެފައިވާކަމަށް ރައީސް ޓްރަންޕު ސީދާ ވިދާޅުވެފައެއް ނުވެއެވެ. ގިނަ ދުވަސްތަކެއް ވަންދެން އިންތިޤާލީ ވަފުދުގެ މަސައްކަތް ފެށުމަށް ހުރަސްއެޅުމަށްފަހު މަސައްކަތް ފެށުމުގެ ފެހި ސިގުނަލް ދިނުމަކީ އިންތިޚާބު ނާކާމިޔާބުވެފައިވާކަމަށް މިހާތަނަށް ނުސީދާކޮށް ކުރި ފުރަތަމަ އިޝާރާތެވެ.

ނޮވެމްބަރު މަހުގެ 23ވަނަ ދުވަހު އެމެރިކާގެ ޖެނެރަލް ސާވިސަސް އެޑްމިނިސްޓްރޭޝަނުންވަނީ އިންތިޤާލީ މަރުޚާލާގެ ކަންކަން ރަސްމީކޮށް ފެށުމަށް ބައިޑަންއަށް އަންގަވާފައެވެ. އެ އިދާރާގެ އެޑްމިނިސްޓްރޭޓަރު އެމިލީ މާފީ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އިންތިޤާލީ މަރުހަލާގައި އިންތިޚާބީ ރައީސަށް ލިބިދޭ އެންމެހާ ވަޞީލަތްތައް ބައިޑަންއަށް ބޭނުންކުރެވޭނެކަމަށެވެ.

އިންތިޤާލީ މަރުޚަލާ ރަސްމީކޮށް ފެށުމުގެ ޙުއްދަ ބައިޑަނަށް ދީފައިވަނީ މިޝިގަން ސްޓޭޓުގެ ފަރާތުން އެ ސްޓޭޓުގެ އަޣުލަބިއްޔަތު އިންތިޚާބުގައި ކާމިޔާބު ކުރައްވާފައިވަނީ ބައިޑަންކަމަށް ރަސްމީކޮށް ކަރުދާހުގައި ބުނުމުންނެވެ. މިޝިގަނުން އެ ސްޓޭޓުގެ ވޯޓު ކާމިޔާބުކުރެއްވީ ބައިޑަންކަމަށް ރަސްމީކޮށް ނިންމުމުން، އެ ސްޓޭޓުގެ ނަތީޖާއަށް ގޮންޖައްސަވާ ރައީސް ޓްރަންޕު ހުށަހަޅުއްވާފައިވާ ޤާނޫނީ މައްސަލައިގެ ބުރަދަން ކުޑަވާނެއެވެ.

ރައީސް ޓްރަންޕާއި އޭނާގެ މުޝީރުން ވިދާޅުވީ އަދިވެސް ޤާނޫނީ މައްސަލަތައް ހުށަހެޅުމުގައި ދެމި ތިބޭނެކަމަށެވެ. ޖީއެސްއޭއިން އިންތިޤާލީ މަރުޚަލާ ރަސްމީކޮށް ފެށުމަށް އެނގިފަހުން ރައީސް ޓްރަންޕު ކުރައްވާފައިވާ ޓްވީޓަކުންވަނީ އިންތިޚާބުގެ ނަތީޖާ ބަދަލުކުރުމަށް ދެން ކުރެވޭނެ މާބޮޑު ކަމެއް ނެތްކަން ދޭހަކޮށްދީފައެވެ. ނަމަވެސް ޓްރަންޕުގެ މުޝީރަކުވަނީ އެ ޓްވީޓުގެ މާނައަކީ ބަލި ޤަބޫލުކުރެއްވުން ނޫންކަމަށް ވިދާޅުވެފައެވެ.