ޚަބަރު

ށ. ފޯކައިދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ށ. ފޯކައިދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އެރަށުން ކޯވިޑަށް ޕޮޒިޓިވްވެފައި ވަނީ މާލެއިން އެރަށަށް ގޮސް ހޯމް ކަރަންޓީނުގައި ހުރި މީހެކެވެ.

ފޯކައިދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ އެމީހާ ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ އެޗްޕީއޭގެ ހޯމް ކަރަންޓީނު އުސޫލުގެ ދަށުން ކަރަންޓީނު 14 ދުވަސް ހަމަ ކުރުމަށްފަހު ނެގި ރިލީޒް ސާމްޕަލްއިން ކަމަށާއި އޭނާގެ ސާމްޕަލް ނަގައިފައި ވަނީ މިމަހުގެ 21 ވަނަ ދުވަހުކަމަށެވެ.

މުހައްމަދު ރަޝީދު ވިދާޅުވީ، އެރަށުން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 19 އަހަރުގެ އަންހެނެއް ކަމަށެވެ. އަދި އެކަމާއިގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ރަޝީދު ވަނީ ވިދާޅުވެފައެވެ.

އެޗްޕީއޭއިން މިރޭ އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އާދީއްތަ ދުވަހުގެ 18:00އިން ފެށިގެން ހޯމަ ދުވަހުގެ 18:00އާ ހަމައަށް ރާއްޖޭން ޕޮޒިޓިވްވެފައިވަނީ 150 މީހުންނެވެ. އޭގެތެރޭގައި ހިމެނެނީ ގްރޭޓަރ މާލެ ސަރަަހައްދުން ޕޮޒިޓިވްވީ 62 މީހުންނާއި އަދި ރަށްރަށާއި ރިސޯޓްތައް ހިމެނޭހެން އަތޮޅުތަކުންވަނީ 88 މީހުން ޕޮޒިޓިވްވެފައެވެ.