ޚަބަރު

އައި.ޔޫ.އެމް ގެ "އިޤްރާ" ބުކްފެއަރ މިފަހަރު ވަރޗުއަލްކޮށް


ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ "އިޤްރާ" ބުކް ފެއަރ ކުރިއަށް ގެންދިޔުމަށްޓަކައި ވެބްސައިޓެއް އިފްތިތާޙްކޮށްފިއެވެ.

މި ވެބްސައިޓް އިފްތިތާޙްކޮށްދެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާއެވެ. މި ވެބްސައިޓަކީ އަންނަ މަހުގެ 1 އިން 10 އަށް ބޭއްވުމަށް ނިންމާފައިވާ ބުކްފެއަރ ވަރޗުއަލްކޮށް ގެންދިޔުމަށްޓަކައި އިފްތިތާޙްކުރި ވެބަސައިޓެކެވެ. ވޭތުވެދިޔަ އަހަރުތަކުގައި މި ބުކްފެއަރ އެ ޔުނިވަރސިޓީގައި ބޭއްވި ނަމަވެސް ކޯވިޑް-19 ގެ ސަބަބުން ބުކްފެއަރ މިފަހަރު ބާއްވަން ހަމަޖައްސާފައިވަނީ ވަރޗުއަލްކޮށެވެ. އަދި މިއި ބުކް ފެއަރ އެއް ރާއްޖޭގައި މިފަދަ ގޮތަކަށް ކުރިއަށް ގެންދާ ފުރަތަމަ ފަހަރުކަމަށް އައިޔޫއެމް އިން މަޢުލޫމާތު ދެއްވައެވެ. މި ފަހަރުގެ ބްކު ފެއަރގެ ޝިއާރަކީ 'އެކްސްޕްލޯރ ދަ ވަރޗުއަލް ބުކު ސެލްފް" އެވެ

ވެބްސައިތް ލޯންޗް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ އިބްރާޙިމް ޒަކަރިއްޔާ މޫސާ ވިދާޅުވީ ދިވެހިންނަކީ ފޮތްކިޔުމަށް ޝައުގުވެރި ބަޔަކަށް ވާތަން ދުށުމަކީ އުއްމީދުކުރައްވާ ކަމެއްކަމަށާއި އެކަން ކުރުމަށް ޔުނިވަރސިޓީތަކުގެ ދައުރު މުހިއްމުކަމަށެވެ.

ޒަކަރިއްޔާ ވިދާޅުވީ، ވަރޗުއަލް ބުކް ފެއަރގެ އިތުރަށް ކުރިއަށް އޮތް ހަފްތާގައި އެ ޔުނިވަރސިޓީގެ އަހަރީ ޢިލްމީ ބައްދަލުވުން، އިންޓަރނޭޝަނަލް ކޮންފަރެންސްވެސް ވަރޗުއަލްކޮށް ކުރިއަށްގެންދިޔުމަށް ނިންމާފައިވާކަމަށެވެ. ކޯވީޑް 19 ހާލަތުގައި ވަރޗުއަލްކޮށް މިފަދަ ހަރަކާތްތައް ބޭއްވިނަމަވެސް އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ މިކަންކަންވެސް ކާމިޔާބުވާނެކަމަށް އޭނާ ވިދާޅުވެއެވެ.

މި ފެއަރގައި މިހާތަނަށް ރަޖިސްޓްރީ ވެފައި ވަނީ އިސްލާމިކް މިނިސްޓްރީ އާއި ނޮވެލްޓީ އާއި އަޝްރަފީ ބުކްޝޮޕާއި އެމް7 ބުކްޝޮޕްއެވެ. އަދި މޯލްޑިވްސް ލޯ އިންސްޓިޓިއުޝަންގެ އިތުރަށް އަމިއްލަ ފަރާތްތަކުންވެސް ބައިވެރިވެއެވެ.

ވަރޗުއަލްކޮށް ކުރިއަށްގެންދާ މި ބުކް ފެއަރގައި ކުރިއަށްގެންދާ ހުރިހާ ހަރަކާތްތަކީ ހުރިހާ އުމުރުފުރައިގެ މީހުންނަށްވެސް ބައިވެރިވެވޭ ހަރަކާތްތަކެއްކަމަށް އައިޔޫއެމްއިން ވިދާޅުވެއެވެ. އަދި ބުކްފެއަރ އަށް ޒިޔާރަތް ކުރާ މީހުންނަށް އަގުހެޔޮކޮށް ފޮތް ގަތުމުގެ ފުރުޞަތުވެސް ލިބިގެންދެއެވެ.

މީގެ އިތުރުން ސައިން ލޭންގުއޭޖާއިކު ވާހަކަ ކިޔާދިނުމާއި ޕެނަލް ޑިސްކަޝަންތަކާއި މައުލޫމާތުތައް ދިނުމުގެ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. ފެއަރ އަށް ޒިޔާރަތް ކުރާ މީޙުންނަށް ފޮތް ކިޔުމުގެ މުބާރަތާއި ލިޔުމުގެ މުބާރާތްތަކުގައި ބައިވެރިވެވޭނެކަމަށް އައިޔޫއެމް އިން ވިދާޅުވެއެވެ.