ސިޔާސީ

އދގެ ވަރކިން ގްރޫޕުގެ ނިންމުމަކީ ކޯޓެއްގެ ހުކުމެއްނޫން- ދުންޔާ


އދގެ ވަރކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ނިންމާފައިވާ ނިންމުމަކީ އެއްވެސް ޙާލެއްގައި ކޯޓެއްގެ ޙުކުމެއް ނޫންކަމަށާއި، އެއީ އެ ގްރޫޕުން ދެއްވާފައިވާ އޮޕީނިއަންއެއް ކަމަށް ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.ޚާރިޖީ ވަޒީރު މިހެން ވިދާޅުވެފައިވަނީ ނިއުޔޯކްގައި ހުންނަވާ ޕީއެސްއެމަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ. ދުންޔާ ވިދާޅުވީ ވަރކިން ގްރޫޕްގެ ނިންމުމަކީ ރައީސްނަޝީދުގެ ފަރާތްޕުޅުން ހުށައަޅުއްވާފައިވާ މައްސަލަ ބައްލަވައި އެބޭފުޅުން ދެއްވާފައިވާ ޚިޔާލެއްކަމަށެވެ. އަދި ސަރުކާރުން މިމައްސަލައިގެ އެންމެ ފުރިހަމަ މަޢްލޫމާތު އެފަރާތަށް ފޯރުކޮށްދީފައިވާ ކަމަށާއި ނަމަވެސް ވަރކިން ގްރޫޕްގެ އޮޕީނިއަން ވަރަށްބޮޑަށް އެއްކޮޅަށް ޖެހިފައިވާ ކަމަށްވެސް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރީޢަތް ކުރިއަށްގެންގޮސްފައިވަނީ އުސޫލާ ޚިލާފަށް ކަމަށް އދގެ ވަރކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ކަނޑައަޅާފައިވަނީ ދިވެހި ސަރުކާރުން ހުށައަޅާފައިވާ ނުކުތާތަކަށް ރިއާޔަތްކުރުމެއްނެތި ކަމަށާއި އެހެން ކަމުން އެނިންމުން ބަލައި ނުގަނެވޭނެކަމަށް ސަރުކާރުންވަނީ ބުނެފައެވެ. އަދި ދިވެހި ސަރުކާރުން މިމައްސަލާގައި ހުށަހެޅި ކަންކަމަށް އދގެ ވަރކިން ގްރޫޕުން ރިއާޔަތްކޮށްފައިނުވާތީ އެގްރޫޕުން ނިންމި ނިންމުން ސަރުކާރުން ބަލައިނުގަންނަކަމަށާ އެނިންމުމާ އެއްގޮތަށް ސަރުކާރުން އަމަލުކުރަން ނުޖެހޭނެކަމަށްވެސް ބުނެފައިވެއެވެ.ސަރުކާރުން ބުނެފައިވަނީ ނަޝީދުގެ ފަރާތްޕުޅުން މިމައްސަލަ އދގެ ވަރކިން ގްރޫޕަށް ހުށަހަޅާފައިވަނީ ރާއްޖޭގެ ޝަރުއީ ދާއިރާގެ ހުރިހާ މަރުހަލާއެއް ނިންމާފައިނޫންކަމަށެވެ. އެކަމަކު އެގޮތަށް މައްސަލަ ހުށަހެޅުމުގެ ކުރިން ޝަރުއީ މަރުހަލާތައް ފުރިހަމަ ކުރަންޖެހޭނެކަމަށް ގަބޫލުކުރާކަމަށް ބުނެފައިވެއެވެ. ފޮރިން މިނިސްޓްރީން ބުނީ ޝަރުއީ މަރުހަލާގައި އެއްބާރުލުން ދެއްވަން ނަޝީދު ބޭނުންފުޅުނުވާކަމަށާއި، އެކަމުގެ ސަބަބުން ރާއްޖޭގައި ގާއިމުވެފައިވާ އުސޫލުތަކުގެތެރެއިން އެމައްސަލަ ކުރިއަށްގެންދަން ހުރަސްތައް ކުރިމަތިވަމުންދާކަމަށެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށްސާބިތުވެ 13 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވަނީ އެމަނިކުފާނުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމާއިގުޅިގެންނެވެ.