ޚަބަރު

ހެލްތު މިނިސްޓަރ ނަސީމަށް މަޖިލީހުން ރުހުންދީފި


މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމަށް ރުހުން އޮތްކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މިނިސްޓަރ ނަޞީމަށް ރުހުން ދިނުމަށް މަޖިލީހުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ އިއްތިފާޤުންނެވެ.

މިނިސްޓަރ އޮފް ހެލްތުގެ މަޤާމަށް އަޙްމަދު ނަސީމް އައްޔަންކުރައްވާފައި ވަނީ މިދިޔަ މަހުގެ 22ވަނަ ދުވަހުއެވެ. ހެލްތު މިނިސްޓަރުގެ މަޤާމާއި ހަވާލުވެވަޑައިގެންނެވުމުގެ ކުރިން އަޙްމަދު ނަސީމް ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުގެ މަޤާމުގައެވެ. އެ މަނިކުފާނު ވަނީ، 2011ވަނަ އަހަރު މާރިޗު މަހުގެ 21ވަނަ ދުވަހުން ފެށިގެން 2012ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 07ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަޤާމު ފުރުއްވާފައެވެ.

އަދި އޭގެ ކުރިން އަޙްމަދު ނަސީމް ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒްގެ މަޤާމު ވެސް ފުރުއްވާފައެވެ. އެ މަނިކުފާނު ސަރުކާރުގެ ޚިދުމަތާއި ގުޅިވަޑައިގަތީ 1966ވަނަ އަހަރުއެވެ.

މިނިސްޓަރ އޮފް ހެލްތުގެ މަޤާމަށް ނަސީމް ޢައްޔަންކުރައްވާފައި ވަނީ ކުރިން އެމަޤާމުގައި ހުންނެވި ޢަބްދުﷲ އަމީން އެމަޤާމުން އިސްތިއުފާދެއްވުމުންނެވެ. އަމީން އިސްތިއުފާދެއްވާފައި ވަނީ އޭނާގެ އިތުބާރުނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާފައި ވަނިކޮށެވެ.