ޚަބަރު

ވީ.އައި.އޭގެ ސަލާމަތީކަންކަން ހަރުދަނާކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސަލާމަތީކަންކަން ހަރުދަނާކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރައްވާފައި ވަނީ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީގެ އަރިހަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިން ޑިރެކްޓަރ ގޯޑަން އެންޑްރޫ ސްޓީވަރޓް ކުރެއްވި ޒިޔާރަތެއްގައެވެ.

ބަންޑާރަ ކޮށީގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އަދި މިކަމުގައި ދެ ފަރާތުން މިހާރަށްވުރެ ބޮޑަށް ގުޅިގެން ކުރެވިދާނެ ކަންކަމާގުޅޭގޮތުންވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. ވިއައިއޭގެ ސެކިއުރިޓީ ބަލަހައްޓަމުން ގެންދަނީ ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުންނެވެ.

މިބައްދަލު ކުރެއްވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަކީ ދިވެހިރާއްޖޭގެ މައި ދޮރާއްޓެވެ. ވީއައިއޭ މެދުވެރިކޮށް ކޮންމެ އަހަރަކުވެސް އެތައް ހާސް ފަތުރުވެރިންނެއް ރާއްޖެ ޒިޔާރަތްކުރަމުންދެއެވެ. އަދި ރާއްޖޭގައި އެންމެ ގިނަ ބަޔަކު ޙިދުމަތް ހޯދަމުންދާ އެއަރޕޯޓަކީވެސް ވީ.އައި.އޭއެވެ.

ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު ހުޅުވާލުމާއިއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީން ޢާއްމު ކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ ޖުލައި 15އިން ފެށިގެން މިމަހުގެ 19 ވަނަ ދުވަހާ ހަމައަށް 59،105 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ.