ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބް ރައީސް ހިމެނޭހެން މަޖިލީހުގެ ބައެއް ކޮމިޓީ ކޮޓަރިތަކުގައި ސިއްރު ޑިވައިސްތަކެއް ހަރުކުރުމަށް ބަޔަކު މަސައްކަތް ކޮށްފައިވާ މައްސަލައެއް ބަލަން ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ކޮމިޓީތަކާއި، މަޖިލީހުގެ އެންމެ އިސްބޭފުޅުންގެ ކޮޓަރިތަކުގައި ސިއްރުން އަޑު އެހޭނެ ޑިވަސްތަކެއް ހަރުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބު ކޮށްފައިވާކަމަށެވެ. މިކަން ހުއްޓުވާފައިވަނީ ފުލުހުންގެ ބޭފުޅަކާއި މަޖިލީހުގެ ސެކިއުރިޓީގައި މަސައްކަތް ކުރާ އަންހެން ބޭފުޅެއްކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
"މިބާވަތުގެ އާލާތް ހަރުކުރުމަށް މަޖިލީހުގެ ސެކިއުރިޓީ ސްޓާފުންނާއި، ފުލުސް އޮފީހުގައި މަސައްކަތްކުރާ މީހަކާ ވާހަކަދެކެވި އެސެކިއުރިޓީ ސްޓާފްވަނީ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްއާއި ސެކްރެޓަރީ ޖެނަރަލަށް އެމަޢުލޫމާތު ދެއްވާފައި. އަޅުގަނޑު ވިސްނީ މިކަމުގައި ސާޖަންޓް އާމްސް ކުޑަމަސައްކަތެއް ކޮށްލުމަކީ ރަނގަޅު ކަމެއްކަމަށް ވެދާނެއޭ. މައްސަލަ ފުލުހަށް ހުށަހެޅުމަކީ އަޅުގަނޑުގެ ހިތުގައި ކުޑަވެސް ޝައްކު ކުރެވޭ ކަމެއްނޫން. ފުލުސް އޮފީހުން ގުޅަމުންދިޔައީ އަންހެން ސްޓާފަކަށް. އަޅުގަނޑުމެން ފުލުސް އޮފީހަށް މިމައްސަލަ ހުށަހެޅިޔަސް މިމަޖިލީހުން މިމައްސަލަ ބެލުމަށް އަޅުގަނޑު އެދެން" މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ މަޖިލީހުގައި މިފަދަ ސިއްރުން އަޑުއެހޭ ޑިވައިސްތަކެއް ހަރުކުރުމަށް މަސައްކަތްކުރި އެއްވެސް ސަބަބެއް ވިސްނި ވަޑައިނުގަންނަވާކަމަށެވެ. ނަމަވެސް މިކަންކުރި މީހުންނަށް މިކަންނުވެ ފެއިލް ވެފައިވާއިރު މިމައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހަޅުއްވައިގެން ބަލާނެކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.