ޚަބަރު

އިނގިރޭސިވިލާތުގެ ފުރަބަންދު އުވާލާނީ ޑިސެމްބަރ މަހުގެ ދެވަނަ ދުވަހުގައި


ކޯވިޑް-19 ފެތުރޭތީ އިނގިރޭސިވިލާތުގައި ޤާއިމްކޮށްފައިވާ ފުރަބަންދު ޑިސެމްބަރު މަހުގެ 2ވަނަ ދުވަހު ނިމުމަކަށް ގެންނާނެކަމަށް އެ ޤައުމުގެ ބޮޑުވަޒީރު، ބޮރިސް ޖޮންސަންގެ ރަސްމީ އިދާރާއިން އިޢުލާނުކޮށްފިއެވެ.

ކޯވިޑް-19ގެ ސަބަބުން އިނގިރޭސިވިލާތުގެ ޙާލަތު ގޯސްވާން ފެށުމުން ނޮވެމްބަރު މަހުގެ ކުރީކޮޅުގައި އެ ޤައުމުވަނީ ފުރަބަންދުކޮށްފައެވެ. ފުރަބަންދުގެ ސަބަބުން ޤައުމުގެ އިޤްތިޞާދަށް ކުރަމުންދާ ނޭދެވޭ އަސަރާއިމެދު ހިތްހަމަ ނުޖެހިގެން ގިނަ ޢަދަދެއްގެ ވިޔަފާރުވެރިންނާއި ބޮޑުވަޒީރު ޖޮންސަންގެ އަމިއްލަ ޕާޓީގެ މެންބަރުންވެސްވަނީ ނުރުހުން ފައުޅުކޮށްފައެވެ.

މިހާތަނަށް 1.4 މިލިއަން މީހުންނަށް ބަލިޖެހި 54،626 މީހުން މަރުވެފައިވާ އިނގިރޭސިވިލާތުގައި ފެތުރެމުންދާ ކޯވިޑް-19ގެ ދެވަނަ ރާޅުގައި ބަލިޖެހޭ މީހުންގެ ޢަދަދު މިހާރުވަނީ ދަށަށްދާން ފަށައިފައެވެ. ނަމަވެސް އެ ޤައުމުގައި އަޅާފައިވާ ސަރަޙައްދީ ފިޔަވަޅުތައް ނުފުދޭކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް ޤައުމު ފުރަބަންދު ނުކޮށް ފަރުޖެހޭނީ ސަރަޙައްދީ ފިޔަވަޅުތައް ވަރުގަދަ ކޮށްގެންކަމަށް ރަސްމީ ފަރާތްތަކުން ޤަބޫލުކުރެއެވެ. އިނގިރޭސިވިލާތުގެ ޙާލަތު އަނެއްކާވެސް ފުރަބަންދުކުރަންޖެހޭފަދަ ދަރަޖައަކަށް ގޮސްފިނަމަ މިހާތަނަށް ބައްޔާއި ދެކޮޅަށް އެ ޤައުމުން ހޯދާފައިވާ އެއްވެސް ކުރިއެރުމެއްގެ ބޭނުމެއް ނޯންނާނެކަމަށް ބޮޑުވަޒީރުގެ ތަރުޖަމާނަކު ވިދާޅުވިއެވެ. އަދި ޤައުމުގެ ޞިއްޙީ ނިޒާމު ހުއްޓުމަކަށް އަތުވެދާނެކަމުގެ އިންޒާރުވެސް އޭނާ ދެއްވިއެވެ.

ވިލާތުގެ ޤައުމުތަކުގެ ތެރެއިން ކޯވިޑް-19 ޖެހިގެން އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވަނީ އިނގިރޭސިވިލާތުގައެވެ. ޖީ7ގެ ޤައުމުތަކު ތެރެއިން އިޤްތިޞާދަށް އެންމެ ބޮޑު ހީނަރުކަމެއް އައިސްފައިވާ ޤައުމަކީވެސް އިނގިރޭސިވިލާތެވެ. ގިނަ ބަޔަކުދަނީ ބަލިމަޑުކަމުގެ ޙާލަތުގައި ބޮޑުވަޒީރު ބޮރިސް ޖޮންސަން އަޅުއްވަމުންދާ ފިޔަވަޅުތައް ރަނގަޅު ނޫންކަމަށް ބުނަމުންނެވެ.

އެންމެ ފަހުގެ ފުރަބަންދު ޤާއިމްކުރުމުގެ ކުރިން އިނގިރޭސިވިލާތުންވަނީ އެ ޤައުމުގައި ބައްޔާއި ދެކޮޅަށް އަޅައި ފިޔަވަޅުތައް ތިން މަރުޚާލާއަކަށް ބަހައިލާފައެވެ. އެންމެ ހަރުކަށި ފިޔަވަޅުތައް އަޅާފައިވަނީ އިނގިރޭސިވިލާތުގެ އުތުރުގެ ސަރަޙައްދުތަކުގައެވެ. އެ ސަރަޙައްދުތަކުގައި އެއްތަނުން އަނެއްތަނަށް ދަތުރުކުރުމުގައި ގިނަ ހުރަސްތަކެއް ހުރުމުގެ އިތުރުން ކާބޯތަކެތި ވިއްކާ ރެސްޓޯރަންޓުތައް ފިޔަވައި ހަމައެކަނި ބުއިމުގެ ބާވަތްތައް ވިއްކާ ކެފޭތައްވަނީ ބަންދުކޮށްފައެވެ. ހަރުކަށި ފިޔަވަޅުތައް އަޅާފައިވާ ސަރަޙައްދުގެ ލިސްޓަށް ބައެއް އެހެން ސަރަޙައްދުތައް އިތުރުކުރާނެކަމަށް ސަރުކާރުން ބުންޏެވެ. ނަމަވެސް އެ ހުށަހެޅުމަށް ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންގެ ނުރުހުން ވަރަށް ބޮޑަށް އަމާޒުވާނެކަމަށް ބެލެވެއެވެ.