ޚަބަރު

އަފްޣާނިސްތާނުގެ ޞުލްޙައިގެ މަޝްވަރާތަކުގެ ބައިވެރިންނާއި ޕޮމްޕެއޯ ބައްދަލުކުރައްވައިފި


އެމެރިކާގެ ޚާރިޖީ ވަޒީރު، މައިކް ޕޮމްޕެއޯ އަފްޣާނިސްތާނުގައި ޞުލްޙަ ޤާއިމްކުރުމާއި ގުޅޭގޮތުން ޤަތަރުގައި މަޝްވަރާ ކުރަމުންދާ އަފްޣާނިސްތާނުގެ ސަރުކާރުގެ ރަސްމީ ފަރާތްތަކާއި ޠާލިބާނުންނާއިއެކު ވަކިވަކި ބައްދަލުވުންތައް ބާއްވަވައިފިއެވެ. އެ ބައްދަލުވުންތައް ބާއްވާފައިވަނީ މެދު އިރުމައްޗާއި ވިލާތުގެ ހަތް ޤައުމަކަށް ޕޮމްޕެއޯ ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ޤަތަރަށް ކުރެއްވި ޒިޔާރަތުގައެވެ.

މައިކް ޕޮމްޕެއޯގެ ބައްދަލުވުންތައް ބާއްވާފައިވަނީ އަފްޣާނިސްތާނުގައި ޞުލްޙަ ޤާއިމްކުރުމާއިގުޅޭ މަޝްވަރާތައް ކޮންމެވެސް ވަރަކަށް މަޑުޖެހިފައި ވަނިކޮށެވެ. އަދި އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން އެ ޤައުމުން ބޭލުމުގެ އިންތިޒާމުތައް އަވަސްކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އަފްޣާނިސްތާނުގެ ސަރުކާރުގެ އޮފިޝަލުންނާއިއެކު ބޭއްވެވި ބައްދަލުވުމުގައި މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ދޯހާގައި ކުރިއަށްދާ ޞުލްޙައިގެ މަޝްވަރާތައް ކާމިޔާބުވާނެކަމުގެ ޔަޤީންކަން އިތުރުކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ޕޮމްޕެއޯވަނީ މަޝްވަރާކުރައްވާފައެވެ. އެ ލަނޑުދަނޑި ޙާޞިލްކުރުމަށް އަފްޣާނިސްތާނާއި އެމެރިކާއާއި ދެ ޤައުމުންވެސް ބޭނުންވަނީ އެއްކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ހަފުތާގެ ކުރީކޮޅުގައި އެމެރިކާގެ ދިފާޢީ އިދާރާ، ޕެންޓެގަނުންވަނީ އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ 2،000 ސިފައިން ކުރިއަށްއޮތް ޖެނުވަރީ މަހުގެ ތެރޭގައި އަނބުރާ ޤައުމަށް ގެންނާނެކަމަށް ބުނެފައެވެ. އެއީ މިދިޔަ ފެބްރުއައީ މަހުގެ ތެރޭގައި އެމެރިކާއާއި ޠާލިބާނުންނާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އެމެރިކާގެ ސިފައިން އަނބުރާ ޤައުމަށް ފޮނުވުމަށް ކަންޑައަޅާފައިވާ ތާރީޚާށްވުރެ އަވަސް ތާރީހެކެވެ.

ނޮވެމްބަރު މަހުގެ 21ވަނަ ދުވަހު ޕޮންޕެއޯވަނީ ޤަތަރުގެ އަމީރު، ޝައިޚު ތަމީމް ބިން ޙަމަދު އައްޘާނީއާއިވެސް ބައްދަލުކުރައްވާފައެވެ.