ޚަބަރު

ކުރިއަށްއޮތް ދެ މަސް ދުވަހު އަލަސްކާގެ މި އަވަށަށް އިރެއް ނުފެންނާނެ!


ނޮވެމްބަރު މަހުގެ 19ވީ ބުރާސްފަތި ދުވަހަކީ އެމެރިކާގެ އަލަސްކާގެ އޫޓުކީއަވިކް އަވަށަށް ކުރިއަށްއޮތް 60 ދުވަސް ތެރޭގައި އިރު އެރި ފަހު ދުވަހެވެ. އާކްޓިކް ސާކަލްގެ އުތުރުގައި އޮންނަ މި ކުޑަކުޑަ އަވަށުން އަހަރަކު އެއްފަހަރު ކުރިމަތިލާ 'ޕޯލާ ނައިޓު'ގެ ސަބަބުން އެ އަވަށް އިރުގެ އަލިކަމުން ވީއްލި އަނދިރިކަމުގެ ތެރެއަށް ގިނަ ދުވަސްތަކަކަށް ދެއެވެ.

މީޓިރިއޮލޮޖިސްޓެއްކަމަށްވާ އެލިސަން ޗިންޗާ ބުނީ ޕޯލާ ނައިޓަކީ ކޮންމެ ފިނި މޫސުމެއްގައިވެސް އޫޓުކީއަވިކްގެ އިތުރުން އާކްޓިކް ސާކަލްގެ ތެރޭގައި ހިމެނޭ ހުރިހާ އަވަށަކުން ކުރިމަތިލާ ދުވަސްވަރެއްކަމަށެވެ. ޕޯލާ ނައިޓާއި ކުރިމަތިލާންޖެހެނީ ދުނިޔޭގެ 'އެކްސިސް' ގެ ސަބަބުންނެވެ. އެއީ އެ ޕޮއިންޓެއްގެ މައްޗަށް ދުނިޔެ އެނބުރޭ ޕޮއިންޓު އަރިވެފައި ހުންނަ ގޮތެވެ. ޗިންޗާ ބުނިގޮތުގައި ދުނިޔެ އަރިވެފައި އިންނަ ގޮތުގެ ސަބަބުން އިރުގެ އެއްވެސް ޑިސްކެއް އުދަރެސް މަތިންނެއް ނުފެނެއެވެ.

ނަމަވެސް އޭގެ މާނައަކީ އެ އަވަށް އެއްކޮށް އަނދިރިވާނެއެކޭ ނޫނެވެ. ދުވާލުގެ ގިނަ ވަގުތު ހޭދަވާނީ 'ސިވިލް ޓްވައިލައިޓު' ކިޔާ މަރުޚަލާއެއްގައެވެ. އެއީ އިރުއަރަންދާ ވަގުތު ނުވަތަ އިރުއޮއްސުމަށްފަހު ހިންގާ ވަގުތުކޮޅުގައި އުޑުމަތި އޮންނަ ގޮތެވެ. ދެން އުދަރެހަށްވުރެ މައްޗަށް އެންމެ އަވަހަށްވެސް އިރު ހިއްލާލާނީ ޖަނަވަރީ މަހުގެ 22ވަނަ ދުވަހުގައެވެ.

އޫޓުކީއަވިކްއަކީ މި ބަދަލާއި ކުރިމަތިލާ އަލަސްކާގެ ހަމައެކަނި އަވަށެއް ނޫނެވެ. ނަމަވެސް އެ އަވަށް އޮންނަ ސަރަޙައްދުގެ ސަބަބުން އެންމެ ފުރަތަމަ 'ޕޯލާ ނައިޓު'އާއި ކުރިމަތިލާ އަވަށަކީ އެއީއެވެ. ކޮންމެ ފިނި މޫސުމެއްގައި ވިދިވިދިގެން ދެ މަސް ދުވަސްވަންދެން އިރު ނުފެނި އުޅުމަށްފަހު ހޫނު މޫސުމުގައި އޫޓުކީއަވިކުން ކުރިމަތިލާންޖެހެނީ އޭގެ އިދިކޮޅަށެވެ. 'މިޑްނައިޓް ސަން' ނުވަތަ ޕޯލާ ނައިޓުގެ ސަބަބުން ހޫނު މޫސުމުގައި އެ ޤައުމަށް އިރު ނުއޮއްސި އެތައް ދުވަހަކު ހުރެއެވެ.