ޚަބަރު

މަސްތުވާތަކެއްޗާއެކު 3 މީހަކު ހައްޔަރުކޮށްފި

ހދ. ހަނިމާދޫ އާއި ބ. ދަރަވަންދޫގައި މަސްތުވާތަކެތީގެ އޮޕަރޭޝަން ތަކެއް ހިންގައި 3 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ހަނިމާދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ހަނިމާދޫ ޕޮޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި 26 އަހަރުގެ މީހަކާ 32 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. އަދި މި ދެމީހުންނަކީވެސް ދިވެހި ފިރިހެނުންކަމަށެވެ. މި މަހުގެ 19 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ އެމީހުން ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 64 ރަބަރު ހޮޅިކޮޅު ފެނުމާ ގުޅިގެން ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ދަރަވަންދޫގައި ފުލުހުން ހިންގި އޮޕަރޭޝަނަކީ މާލެއިން ދާ ބޯޓަކުން އެރަށަށް މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިންޓެލިޖެންސާއި، އޭދަފުށި ޕޮލިސް ސްޓޭޝަންގެ އިތުރުން ދަރަވަންދޫ ޕޮލިސް ޑެސްކް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި މަހުގެ 19 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި އެރަށުން ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ މީހެކެވެ. އެރަށު ބަނދަރުމަތިން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި، ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އޭދަފުށި މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. މިމަހުގެ 9 ވަނަ ދުވަހު ށ. މިލަންދޫ އާއި އދ. މާމިގިލީގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައިވެސް ފުލުހުން ވަނީ 3 މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައެވެ.