ޚަބަރު

އަޝްފާޤު، ބްރެކެޓް ޗެލެންޖުގެ ފައިނަލަށް


އޭއެފްސީ ބްރެކެޓް ޗެލެންޖުގެ ފައިނަލަށް ރާއްޖޭގެ އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ޢަލީ އަޝްފާގް ދަތުރުކޮށްފިއެވެ.

އަޝްފާގް އޭއެފްސީ ބްރެކެޓް ޗެލެންޖުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ ސެމީ ފައިލަލްގައި ވިއެޓްނާމްގެ އެންގުއެން ކުއެންގް ހައި ބަލިކޮށްގެންނެވެ. އޭއެފްސީ ބްރެކެޓް ޗެލެންޖުއަކީ އޭއެފްސީ ކަޕުގައި ޖަހާފައިވާ މޮޅެތި ގޯލްތަކުގެ މެދުގައި ކުރިއަށްގެންދާ ޕޯލެކެވެ. އޭއެފްސީގެ ވެބްސައިޓްގައި ކުރިއަށްގެންދިޔަ މިޕޯލްގައި އަޝްފާގް ފައިނަލުން ހާގަ ހޯދާފައިވާއިރު، އަޝްފާޤަށް %51.45 ވޯޓް ލިބިފައިވާއިރު ވިއެޓްނާމްގެ އެންގުއެން ކުއެންގް ހައި ލިބިފައިވަނީ %48.55 ވޯޓެވެ. މި ބްރެކެޓް ޗެލެންޖުގައި ޖުމުލަ 32 ކުޅުންތެރިން ވާދަކުރި އިރު، މިގޯލްތައް ހޮވާފައިވަނީ އޭއެފްސީ ކަޕްގައި ޖަހާފައިހުރި މޮޅެތި ސޯލޯ ގޯލުތަކުންނެވެ.

2013ވަނަ އަހަރުގެ އޭއެފްސީ ކަޕުގައި ޕާސިބޯ ކޮޅަށް އަޝްފާގް ޖެހި މިގޯލްވަނީ އޭއެފްސީ ކަޕުގައި ޖަހާފައިވާ ސޯލޯ ގޯލްތަކުގެ ތެރެއިން އެންމެ މަގުބޫލު ގޯލަކަށް މިދިޔަ ޖޫން މަހު ވެސް ހޮވިފައެވެ. އަޝްފާގްއަކީ އޭއެފްސީ ކަޕުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ 7 ވަނައިގައި އޮތް ކުޅުންތެރިޔާއެވެ. އެއީ ކްލަބް ވެލެންސިއާ، ނިއު އަދި ވީބީ އައްޑޫ އެފްސީ އަށް ޖަހައިދިން 29 ގޯލާ އެކުއެވެ. އެއްވަނައަށް އަރަން އޭނާއަށް މަދުވަނީ 6 ގޯލެވެ.