ޚަބަރު

ފަނޑިޔާރުކަމުގެ މަޤާމުން ޤާޟީ ބާރީ ވަކިކުރަން ތަޅުމަށްފޮނުވުމަށް ޖުޑީޝިއަރީ ކޮމިޓީން ފާސްކޮށްފި


ކްރިމިނަލް ކޯޓުގެ ކުރީގެ ޤާޟީ ޢަބްދުލްބާރީ ޔޫސުފް ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ޤާޟީ ބާރީ މަޤާމުން ވަކިކުރުމަށް ނިންމާ އެ މައްސަލަ ޖޭއެސްސީން މަޖިލީހަށް ހުށައަޅާފައިމިވަނީ އޭނާ ސަސްޕެންޝަންގައި ހުންނަވާތީ އަހަރެއްހާ ދުވަސްފަހުންނެވެ.

މިމައްސަލަ ދިރާސާކުރުމަށްފަހު މަޖިލީހުގެ ޖުޑިޝިއަރީ ކޮމިޓީގެ 63ވަނަ ބައްދަލުވުމުގެ ބައިވެރިވި ހުރިހާ މެންބަރުންގެ އަޣްލަބިއްޔަތުން މިއަދުވަނީ އޭނާ މަގާމުން ވަކިކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފައެވެ.

ޖޭއެސްސީން ޤާޟީ ބާރީގެ މައްސަލަ ބަލާފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ޚިޔާނާތުން ފައިސާ މަންފާ ހޯދާފައިވާކަމަށް ބުނެ ހުށަހެޅުނު މައްސަލައަކާއި ގުޅިގެންނެވެ. މީގެއިތުރުން މެއި 2014 އިން ފެބްރުއަރީ 2018 އަށް ޤާޟީ ބާރީ ޢަމަލީގޮތުން ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވިކަމާއި، މި މުއްދަތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހަޅާފައިވާ އެސެޓް ޑިކްލަރޭޝަން ފޯމުތަކުގައި، މިވިޔަފާރިން ލިބުނު އާމްދަނީ ހާމަކޮށްފައިނުވާކަމަށް ބުނާ މައްސަލައެއްވެސް ޖޭއެސްސީން ވަނީ ތަހުޤީގުކޮށްފައެވެ.

މިމައްސަލަތަކުގެ ތަޙްޤީޤުގެ ތެރެއިން ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި ޤާޟީ އަބްދުލްބާރީ ޔޫސުފާއި ގާތް ގުޅުމެއް އޮތްކަމާއި، ކްރިމިނަލް ކޯޓުގައި ހިނގި ބޮޑެތި ޝަރީޢަތްތަކާއި ގުޅިގެން ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ކާރު ޕާކްކުރާ ގަރާޖުގައި އިތުރު ފަނޑިޔާރުންތަކަކާއި އެކު އަޙްމަދު އަދީބު ޢަބްދުލްޣަފޫރާ އެކު ބޭއްވި ބައްދަލުވުންތަކެއްގައި ޤާޟީ ބާރީ ބައިވެރިވެފައިވާކަމަށް ޖޭއެސްސީން ވިދާޅުވެއެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް އުފުލުނު ޓެރަރިޒަމް ކުށުގެ ދަޢުވާގައި، ރައީސް ނަޝީދުގެ މައްޗަށް ޙުކުމްކުރުމުގެ ކުރިން އެ މައްސަލައިގެ ޙުކުމުގެ ކޮޕީއެއް އެއިރުގެ ނައިބުރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރަށް ފޮނުވުމަށް ޤާޟީ ޢަބްދުލްބާރީ ޔޫސުފު އެޙުކުމް ދިންކަން ފާހަގަކުރެވިފައިވާކަމަށްވެސް ޖޭއެސްސީން ވިދާޅުވެއެވެ. އަދި އެ ޝަރީޢަތްތައް އެއިރު ސަރުކާރުން ބޭނުންވި ގޮތަށް ނިންމާދިން ފަނޑިޔާރުންނަށް އިނާޔަތްތައް ދިންއިރު، ޤާޟީ ބާރީއަށް ފްލެޓެއް ބޭނުންވުމުން، ޤާޟީ ޢަބްދުލްބާރީ ޔޫސުފުގެ އަނބިކަނބަލުންގެ ނަމުގައި ފްލެޓެއް ހަމަޖައްސައިދިނުމަށް ނިންމިކަމަށާއި ހަމަ އެ ދުވަސްވަރު ކުރީގެ ނައިބުރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ފަރާތުން 500,000.00 (ފަސް ލައްކަ) ދިވެހި ރުފިޔާ ޤާޟީ ޢަބްދުލްބާރީ ޔޫސުފަށް ދީފައިވާކަމަށްވެސް ޖޭއެސްސީގެ ތަހުޤީގުގައިވެއެވެ.

މީގެއިތުރުން ޤާޟީ ޢަބްދުލްބާރީ ޔޫސުފްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ފްލެޓް ގަތުމަށް އެޑްވާންސަށް 600،000.00 (ހަ ލައްކަ ރުފިޔާ) ނަގުދު ފައިސާއިން ޤާޟީ ޢަބްދުލްބާރީ ޔޫސުފް ދައްކާފައިވާއިރު، އެފައިސާއަކީ ޢަބްދުލްބާރީ ޔޫސުފް ނާޖާއިޒު ގޮތުގައި ހޯދައިފައިވާ ފައިސާކަންވެސް ކޮމިޝަނުން ކުރި ތަޙްޤީޤަށް އެނގޭކަމަށްވެސް ޖޭއެސްސީން ވިދާޅުވެއެވެ.