ޚަބަރު

ހޯމް މިނިސްޓަރ އިމްރާނަށް އިތުބާރު އޮތްކަމަށް އެމްޑީޕީގެ ޕީޖީން ނިންމައިފި

ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲގެ އިތުބާރު މަޖިލީގުގެ ސުޕަމެޖޯރިޓީ އޮތް އެމްޑީޕީއަށް އެބައޮތްކަމަށް އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ފާސްކޮށްފިއެވެ. މިގޮތަށް ފާސްކޮށްފައި މިވަނީ މިނިސްޓަރ އިމްރާން ޢަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ހިމެނޭ އިދިކޮޅު މެމްބަރުން މަޖިލީހަށް ވައްދާފައިވާ ދަނޑިވަޅެއްގައެވެ.

ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށައަޅާފައިވަނީ މިދިޔަ މަހުގެ 26ވަނަ ދުވަހުގައެވެ. 11 މެންބަރުން ސޮއިކުރައްވައި ހުށައެޅި މިމައްސަލާގައި އިދިކޮޅު ޕީޕީއެމް ޕީއެންސީގެ 9 މެންބަރުންނާއި، މިނިވަން ދެމެންބަރުންކަމަށްވާ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމްއާއި، ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވަނީ ސޮއިކުރައްވާފައެވެ. ވަޒީރެއްގެ އިތުބާރުނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި 10 މެމްބަރުންގެ ސޮއި ބޭނުންވެއެވެ.

މިކަމާ ގުޅިގެން މިއަދު ބޭއްވި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި މިނިސްޓަރ އިމްރާނަށް އިތުބާރު އޮތްކަމަށް ނިންމާފައިވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

ރައްޔިތުންގެ މަޖިލީހަށް ވައްދާފައިވާ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ބަޖެޓް ބަހުސް ނިމުމާއިއެކު އެޖެންޑާ ކުރައްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މިހަފްތާގައި އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް ކުރިއަށް ގެންދާނެކަމަށް ބެލެވެއެވެ.

ހޯމް މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށައަޅާފައިވަނީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހަށޭ ބުނާނަން" ޕްރޮގްރާމެއްގައި ދެއްކެވި ވާހަކަފުޅަކާ ގުޅިގެންންނެވެ. މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ، ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލާގައި ޕްރޮސީޖާއިން ބޭރުން ބައެއް ކަންކަން ހިނގާފައިވާކަމަށާއި، ނަމަވެސް އާންމުންގެ ތެރޭގައި އެމައްސަލަގައި ވާހަކަދެކެވެނީ ކަން ހިނގި ގޮތާއި ޚިލާފަށް ކަމަށެވެ.

އަދި އެމައްސަލާގައި ހަޤީގަތުގައި ހިނގާފައިވަނީ އާންމު ތަނެއްގައި މީހަކު ކޮށްފާނެފަދަ ކުޑަ ކަމެއްކަމަށެވެ. އަދި އެއީ ރޭޕްކުރުމެއް ނޫންކަމަށާ، އެކަމުގައި މީޑިއާއާއި އާންމުގެ ތެރޭގައި ދެކެވެނީ ހަޤީގަތާއި ޚިލާފު ވާހަކަތަކެއްކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ. މިނިސްޓަރގެ އެވާހަކަފުޅާ ގުޅިގެން ގިނަބައެއްގެ ފާޑުކިއުންތައްވަނީ އަމާޒުވެފައެވެ.