ޚަބަރު

މިނިސްޓަރ މަލީހުގެ އިތުބާރު ނެތްކަމަށް ރައީސަށް ދަންނަވަން އެމްޑީޕީގެ ޕީޖީން ފާސްކޮށްފި


މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަޤާމުގައި ހުންނެވި، މުޙައްމަދު މަލީހު ޖަމާލުގެ އިތުބާރު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް ދެންނެވުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ނިންމައިފިއެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގައި މިއަދު ބޭއްވި ބައްލުވުމުގައި މިނިސްޓަރ މަލީހުގެ އިތުބާރު ނެތްކަމަށް ފާސްކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މަލީހުގެ އިތުބާރު ނެތްކަމަށް ރައީސަށް ދަންނަވަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ނިންމާފައި މިވަނީ މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދުމަށް ޕާލިމަންޓްރީ ގްރޫޕަށް ހުށަހަޅާފައިވަނިކޮށެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕަށް މިމައްސަލަ ހުށައަޅުއްވާފައި ވަނީ، ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް އިސްވެ ހުންނަވައި އިތުރު 9 މެމްބަރުންގެ ސޮޔާއެކުއެވެ.

މިނިސްޓަރ މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް، މެމްބަރުން ސޮއިކޮށް ހުށަހެޅި ސަބަބުތައް ކަމުގައި ބުނެފައި ވަނީ، ޓެލެކޮމިއުނިކޭޝަންގެ ޤާނޫނުން މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ އިދާރާތަކަށް ކުރުމަށް ލާޒިމްކުރާ ކަންތައްތަކަށް ރިޢާޔަތްކޮށް ބަލާއިރު، ބުނެވިދިޔަ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގެ ކޮމިއުނިކޭޝަންސް އޮތޯރިޓީން ހަދަންޖެހޭ އެއްވެސް ޤަވާޢިދެއް މަޤާމުގައި ހުންނަވާތާ 2 އަހަރުވީއިރުވެސް މިނިސްޓަރ މުޙައްމަދު މަލީހް ޖަމާލު ހައްދަވާފައި ނުވާތީއެވެ.

އަދި މިކަމުގައި ޖަވާބުދާރީވުމަކީ މުވާސަލާތީ ޚިދުމަތްތައް ތަންޒީމުކޮށް ހިންގުމުގެ މަސްޢޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއެއްގެ ވަޒީރުގެ ޒިންމާއެއްކަމަށް ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޤާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާތީ، އެ ޤާނޫނުން ހެދުމަށް ލާޒިމްކުރާ ޤަވާއިދުތަކަކީ، ދިވެހިރާއްޖޭގެ ޓެލެކޮމް ސިނާއަތް ފުރިހަމައަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ޤަވާއިދުތަކެއްކަކަށް ވެފައި، އެ ޤަވާއިދުތައް ނުހެދި ލަސްވެގެންދާ ކޮންމެ ދުވަހަކީ ދިވެހި ދަޢުލަތަށާއި ރައްޔިތުންނަށް އެތަކެއް ގެއްލުންތަކެއް ކުރިމަތިކުރުވާ ކަމެއްކަން ކަށަވަރުވާކަމުގައިވެސް ބުނެފައިވެއެވެ.

މިނިސްޓަރ މަލީހު އިތުބާރުނެތްކަމުގެ ވޯޓު މަޖިލީހުގައި ނަގައި މަޤާމުން ވަކިކުރުމުގެ މައްސަލަ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕަށް މިހުށައެޅީ، މިނިސްޓަރ މަލީހު، އިންޓަރވިއުއެއްގައި މަޖިލީހާއި މަޖިލީހުގެ މެމްބަރުންނަށް ފާޑު ވިދާޅުވުމާ ގުޅިގެން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުންގެ ނުރުހުން އަމާޒުވެފައިވާ ވަގުތެއްގައެވެ.

އެމްޑީޕީގެ އަސާސީ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް އެޕާޓީން ވެއްދޭނީ، ޕާޓީގެ ޕާލަމެންޓްރީ ގުރޫޕަށް ހުށައަޅައި ފާސްކޮށްގެންނެވެ.