ޚަބަރު

ގ.އ މާނާގަލާގައި ހެޗަރީއެއް ޤާއިމުކޮށް ހިންގާނެ ފަރާތެއް ހޯދަނީ

ހުވަދު އަތޮޅު އުތުރުބުރީ މާނާގަލާގައި މަސްމަހާމެހި އާލާ ކުރާނެ ހެޗަރީއެއް ޤާއިމުކޮށް ހިންގާނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ވާގޮތުން، މިމަޝްރޫއަކީ ވޯލްޑް ބޭންކުގެ އެހީގެ ދަށުން ފިޝަރީޒް މިނިސްޓްރީން ހިންގާ "ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސް ޑިވެލޮޕްމެންޓް ޕްރޮޖެކްޓް"ގެ ތެރެއިން ޚަރަދުކޮށްގެން ހިންގާ މަޝްރޫއެއް ކަމަށެވެ. ސަރުކާރުން 20 އަހަރުގެ މުއްދަތަަށް ހެޗަރީ ހިންގުމަށް ހަވާލު ކުރާއިރު، 12 މަސްދުވަހުގެ ތެރޭގައި ހެޗަރީ ޤާއިމުކޮށް ނިންމަން ޖެހޭނެއެވެ.

މިމަޝްރޫއަށް ހިންގުމަށް އެދޭ ފަރާތްތަކަށް ހުޅުވާލާފައި ވަނީ، ވޯލްޑް ބޭންކުގެ ޕްރޮކިއުމެންޓް އުސޫލުގެ ތެރެއިން ބަޔަކު ނަގާ ގޮތަށް ފިނޭންސް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ. އެގޮތުން މަޝްރޫޢު ހިންގުމަށް ކުރިމަތިލާ ފަރާތްތަކުގެ މާލީ އަދި ފަންނީ ޤާބިލީއްޔަތުކަން ހުރި މިންވަރު ބަލާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

މިމަޝްރޫއާއި ގުޅޭ ޕްރޮޕޯސަލް ޑޮކިއުމެންޓްތައް ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. މިމަޝްރޫއާއި ގުޅޭ މައުލޫމާތު ދިނުމަށް އޮންލައިންކޮށް ޕްރީޕްރޮޕޯޒަލް މީޓިންގް އެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އަންނަ މަހު 7 ގެ ކުރިން ޝައުގުވެރިވާ ފަރާތްތަކުން މީޓިންގްގައި ބައިވެރިވުމަށް ރަޖިސްޓަރ ކުރަން ޖެހެއެވެ.

މިމަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އަހަރު ޖެނުއަރީ 5 ވަނަ ދުވަހުގެ 11:00 ކުރީން ހުރިހާ ލިއެކިއުންތަށް ހުށަހަޅަންޖެހެވެ. ޝައުގުވެރިވެ ހުށަހާޅާ ފަރާތްތަކުގެ އެންމެ ފުރަތަމަ ބަލާނީ ފަންނީ ޤާބިލީއްޔަތަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އަދި މާލީ ޤާބިލުކަން ބަލާނީ ފަންނީ ޤާބިލީއްޔަތުކަން ހުރި ފަރާތްތަކުގެ އެކަނި ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ވޯލްޑް ބޭންކުގެ އެހީގައި ފިޝަރީޒް މިނިސްޓްރީން ހިންގާ "ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"އަކީ ދިވެހިރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ގާއިމުކުރުމަށް ހިންގާ މަޝްރޫއުއެކެވެ. މިމަޝްރޫއުގެ ދަށުން ފާނަ އަލާކޮށް ބޭރަށް ފޮނުވުމުގެ މަޝްރޫއެއް އ.ދ މަހިބަދޫގައި ވަނީ ކުރިއަށް ގެންދަނ ފަށާފައެވެ.