ކުޅިވަރު

މެޑްރިޑް އެއްވަރުވެ، ބާސެލޯނާ ބަލިވެއްޖެ


ސްޕެނިޝް ލަލީގާގައި ރެއާލްމެޑްރިޑު އެއްވަރުވިއިރު އަނެއްކާވެސް ލީގުގައި ވާދަވެރި ބާސެލޯނާ ބަލިވެއްޖެއެވެ.

މެޑްރިޑު އެއްވަރުވީ ލީގުގެ ރޭ ރަށުން ބޭރުގައި ވިޔަރެއާލްއާ ވާދަކޮށް 1-1 ލަނޑުންނެވެ. މެޗުގެ ދެވަނަ މިނެޓުގައި މަރިޔާނޯ ޑައިޒް ލަނޑެއްޖަހައި ކުރި ހޯދާއިފަވަނިކޮށް ވިޔަރެއާލުން ނަތީޖާ ހަމަހަމަކުރީ މެޗުގައި 76 ވަނަ މިނިޓުގައި ލިބުނު ޕެނެލްޓީއަކުން ޖެރާޑް މޮރޭނޯ ކާމިޔާބުކުރި ލަނޑުންނެވެ. މިއީ މޮރޭނޯ މިސީޒަންގައި އެޓީމަށް ކާމިޔާބުކޮށްދިން ފަސްވަނަ ލަނޑެވެ.

ރޭ ވާދަވެރި ބާސެލޯނާ އެތުލެޓިކޯ މެޑްރިޑް އަތުން ބަލިވެފައެވެ. ރަށުން ބޭރުގައި ކުޅުނު މެޗުން ބާސާ ބަލިވީ އެތުލެޓިކޯ އަތުން 1-0 ލަނޑުންނެވެ. މެޗުގައި ބާސެލޯނާގެ ޖެރާޑް ޕީކޭއަށް ވަނީ އަނިޔާވެގެން ބަދަލުކޮށްފައެވެ. ރިޕޯޓްތައް ބުނާގޮތުން ތިނެއް ނޫނީ ހަތަރު މަސްދުވަހަށް ކުޅުންތެރިޔާ ކުޅުމާ ދުރުގައި ހުންނަން ޖެހިދާނެއެވެ.

ރޭގެ މެޗުގައި ޖެހިހަމައެކަނި ލަނޑު އެތުލެޓިކޯއަށް ކާމިޔާބުކޮށްދިނީ ޔަނިކް ކަރެސްކޯއެވެ. މިއީ ލީގުގައި ކޯޗު ޑިއެގޯ ސިމިއޯނީގެ ކޯޗުކަމުގައި 18 ފަހަރު ބައްދަލުކުރުމަށްފަހު އެތުލިޓިކޯއަށް ބާސެލޯނާގެ މައްޗަށް ކުރި ހޯދުނު ފުރަތަމަފަހަރެވެ. މިއީ 10 އަހަރުތެރޭގައި އެތުލިޓެކޯއަށް ބާސެލޯނާގެ މައްޗަށް ކުރި ހޯދުނު ފުރަތަމަފަހަރެވެ.

މި މޮޅާއެކު އެތުލެޓިކޯ ވަނީ ބަލިނުވެ ލީގުގައި 24 މެޗު ހަމަކޮށްފައެވެ.

ލަލީގާގައި ރޭ ސެވިއްޔާ ވަނީ ސެލްޓަވީގޯ މައްޗަށް 4-2 ލަނޑުން ކުރިހޯދާފައެވެ. މި ނަތީޖާއެކު ބާސެލޯނާ ބަލިކޮށް އެތުލެޓިކޯއިން ވަނީ ތާވަލުގެ އެއްވަނައިގައިވާ ރެއާލް ސޮސެއިޑާޑްއާ ޕޮއިންޓްގޮތުން ހަމަހަމަކޮށްފައެވެ.

އެތުލެޓިކޯއިން ސޮސެއިޑާޑަށްވުރެ އެއްމެޗު މަދުން ކުޅެގެން ވަނީ 20 ޕޮއިންޓް ހޯދާފައެވެ. ވިޔަރެއާލް ތިންވަނައިގަ އޮތީ 10 މެޗުން 19 ޕޮއިންޓް ހޯދައިގެންނެވެ. މެޑްރިޑު ހަތަރުވަނައިގަ އޮތީ 9 މެޗުން 17 ޕޮއިންޓް ހޯދައިގެންނެވެ. ރޭގެ މެޗުން ބަލިވުމާއެކު ބާސެލޯނާ ވާނީ ލީގު ތާވަލުގެ 10ވަނައަށް ވެއްޓިފައެވެ.