ވިޔަފާރި

މިއަހަރު އަލަށް ހުޅުވިގެން ދާނީ 4 ރިސޯޓު: ޓޫރިޒަމް މިނިސްޓަރ


ކޯވިޑް-19 އާއި ގުޅިގެން ރިސޯޓުތައް ތަރައްޤީކުރުމުގެ މަޝްރޫޢުތަކަށްވެސް ހުއްޓުމެއް އައުމުން، މިއަހަރުތެރޭ ރާއްޖޭގައި އަލަށް ހުޅުވިގެން ދާނީ 4 ރިސޯޓުކަމަށް ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މަޢުސޫމް ވިދާޅުވެއްޖެއެވެ.

ފާއިތުވި ދެއަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކާއި ކުރިއަށް ރޭވިފައިވާ ކަންކަމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސް އާއި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މަޢުސޫމް ވިދާޅުވީ، މިއަހަރަށް ސަރުކާރުން 12 ރިސޯޓު ހުޅުވުމަށް އަމާޒުކޮށްފައިވީ ނަމަވެސް ކޯވިޑް-19 އާއި ގުޅިގެން މުޅި ދުނިޔެއަށްވެސް އައި އިޤްތިސާދީ ލޮޅުންތަކާއި އެކު ރާއްޖޭގައި ތަރައްޤީކުރަން ފަށާފައިވާ ރިސޯޓުތަކުގެ މަސައްކަތްތައްވެސް މަޑުޖެހުނު ކަމަށެވެ.

" 12 ރިސޯޓު ހުޅުވުމަށް އަމާޒްކޮށްފައި އޮތް، އެކަމަކު އެނގިވަޑައިގަންނަވާނެ ރިސޯޓު ކޮންސްޓްރަކްޝަން ހުއްޓުމަކަށް އަންނާނެ ދަތުރުފަތުރު ހުއްޓުމަކަށް އައުމުން، އަޅުގަނޑުމެން މިހާރު މިބަލަނީ މިއަހަރު ހުޅުވޭނީ 4 ރިސޯޓުކަމަށް، މިހާރު 2 ރިސޯޓު ހުޅުވިއްޖެ، އަދި އަހަރުގެ ކުރިއަށް އޮތްތާގައި 2 ރިސޯޓު ހުޅުވޭނެ،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އަންނަ އަހަރުވެގެން ދާނީ ރާއްޖޭގެ ފަތުރުވެރިކަމުގައި ފާހަގަކޮށްލެވޭ އަހަރެއްގެ ގޮތުގައި ކަމަށެވެ. ސަބަބަކީ މިހާރު ހުއްޓިފައި ހުރި ގިނަ މަސައްކަތްތަކެއް މިހާރު ފެށިފައިވާތީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މަޢުސޫމް ވަނީ ކޯވިޑް-19 ގެ ހާލަތުގައިވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން ހޯދާފައިވާ ކުރިއެރުންތައް ފާހަގަކޮށްފައެވެ. އަދި މި ކާމިޔާބީ ހާސިލްކުރެވުނީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުންކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.