ވިޔަފާރި

ބަޖެޓް 2021: ވިޔަފާރިތައް އަލުންފަށައި އާމްދަނީ އިތުރުވާނެ ގޮތްތައް ހޯދައިދިނުމަށް ޙާއްސަ އިސްކަމެއް


ވިޔަފާރިތައް އަލުން ފަށައިގަނެ މީހުންނަށް ލިބޭ އާމްދަނީ އިތުރުވާނެ ގޮތްތައް ހޯދައިދިނުމަށް ސަރުކާރުން އަންނަ އަހަރުތެރޭ ޙާއްސަ އިސްކަމެއް ދޭނެ ކަމަށް ރައީސް އޮފީހުގެ އަންޑަރ ސެކެރެޓަރީ އަޙުމަދު ހަމްދާން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ދައުލަތުގެ ބަޖެޓު 2021 ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހުރިއްޔާގެ އޮފީހުގެ އަންޑަރ ސެކެރެޓަރީ އަޙުމަދު ހަމްދާން ވިދާޅުވީ، އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގެ 20 އިންސައްތަ ޙާއްސަކޮށްފައިވަނީ އިޤްތިސާދީ އަދި ސިނާއީ ކުރިއެރުމަށްޓަކައި ކަމަށެވެ.

" މުޅި ބަޖެޓަށް ބަލާލާއިރު 6.9 ބިލިއަން ގާތްގަނޑަކަށް 7 ބިލިއަނާއި ގާތްކުރާ އަދަދަކަށް މިއީ ބަޖެޓުގެ 20 އިންސައްތަ ހާއްސަކުރެވިފައިވަނީ އިޤްތިސާދީ އަދި ސިނާއީ ކުރިއެރުމަށްޓަކައި، މިގޮތުން މިމަސައްކަތް ކުރާއިރު، އަންނަ އަހަރު ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭނެ އިކޮނޮމީ ސްޓިމިއުލޭޓުކުރަން، ވިޔަފާރިތައް އަލުން ފަށައިގަނެ، މީހުންނަށް ލިބޭ އާމްދަނީ އިތުރުވާނެ ގޮތްގޮތް ހޯދަން،" ހަމްދާން ވިދާޅުވިއެވެ.

ހަމްދާން ވިދާޅުވީ އިޤްތިސާދު ސިންދަފާތުކޮށް އެހެން ސިނާއަތްތައް ރާއްޖޭގައި ކުރިއެރުވުމަށްވެސް އަންނަ އަހަރުގެ ބަޖެޓުގައި ގިނަ ކަންތައްތަކެއް ހިމަނާފައިވާ ކަމަށެވެ. އެގޮތުން މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައިވެސް ގިނަ މަޝްރޫއުތަކެއް އަންނަ އަހަރުތެރޭ ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ކަމަށް ހަމްދާން ވިދާޅުވިއެވެ.

އެގޮތުން ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް އިޝްތިހާރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި ދަނޑުވެރިކަމުން ލިބޭ ނަފާވެސް އިތުރުކުރުމަށް އެގްރޯ ނެޝަނަލް ކޯރޕަރޭޝަން މެދުވެރިކޮށް ގިނަ މަސައްކަތްތަކެއް ކުރުމަށް ބަޖެޓުގައި ހިމަނާފައިވާކަން ހަމްދާން ފާހަގަކުރެއްވިއެވެ.