ޚަބަރު

ޑީޖޭއޭއިން ޝަރުޢީ ދާއިރާގެ ހުރިހާ ކޯޓުތަކެއްގެ ރެކޯޑް ސާފުކުރަން ފަށައިފި


ޝަރުޢީ ދާއިރާގެ ހުރިހާ ކޯޓުތަކެއްގެ ރެކޯޑް ސާފުކުރުމުގެ ކަންތައްތައް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން "ޑީޖޭއޭ"އިން ކުރިއަށް ގެންދަން ފަށައިފިއެވެ.

ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނާއި ގުޅިގެން މަރުކަޒީކޮށް ކުށުގެ ރެކޯޑް ބަލަހައްޓާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކަމަށް، އެޓަރނީ ޖެނެރަލް ކަނޑައަޅުއްވާފައިވަނީ މިދިޔަ އޮކްޓޫބަރުމަހުގެ 8 ވަނަ ދުވަހުގައެވެ.

މަރުކަޒީކޮށް ކުށުގެ ރެކޯޑު ބަލަހައްޓާނެ އިދާރާ އެފަދައިން ކަނޑައެޅުއްވުމާއެކު، އެ ތާރީޚުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި، މަރުކަޒީކޮށް ކުށުގެ ރެކޯޑު ބެލެހެއްޓޭނެ ނިޒާމެއް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 187 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ޤާއިމުކުރަން ޖެހޭނެއެވެ.

މަރުކަޒީކޮށް ކުށުގެ ރެކޯޑު ބަލަހައްޓާނެ މިފަދަ އިދާރާއެއް ކަނޑައެޅިގެންދިއުމަކީ، ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމު ހަރުދަނާކަމާއެކު ހިންގުމަށް ކުރެވެމުންދާ މަސައްކަތުގައި އެޅިގެންދިޔަ މުހިންމު ފިޔަވަޅެއްކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.

ޖިނާޢީ ޢިޖުރާޢަތުގެ ޤާނޫނުގެ 187ވަނަ މާއްދާގައި ބުނެފައިވަނީ ޙުކުމް ތަންފީޛުކުރުމުގެ އަމުރުގެ އަސްލާ އެއްގޮތް ކޮޕީއެއް، މަރުކަޒީކޮށް ކުށުގެ ރެކޯޑު ބަލަހައްޓަން ހަމަޖެހިފައިވާ އިދާރާއަށް ފޮނުވަންވާނެކަމަށާއި، އެފަދަ އިދާރާއެއް ކަނޑައެޅިފައި ނުވާނަމަ، މަރުކަޒީކޮށް ކުށުގެ ރެކޯޑު ބެލެހެއްޓުމަށްޓަކަ ޖިނާޢީ ޢިޖުރާއަތުގެ ޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގައި ބަޔާންކުރާ އިދާރާއަށް އެ ރެކޯޑުގެ ކޮޕީ ފޮނުވަންވާނެކަމަށެވެ.