ޚަބަރު

ރާއްޖެއިން މިއަދު ޕޮޒިޓިވްވީ 32 މީހުން، 62 މީހުން ބަލިން ރަނގަޅުވި

ރާއްޖެއިން އިތުރު 32 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން ހާމަކުރައްވާފައިވާ ގޮތުގައި، ހުކުރު ދުވަހުގެ އިރުއޮއްސި 18:00ން ހޮނިހިރު ދުވަހުގެ އިރުއޮއްސި 18:00އަށް ޖުމުލަ، 32 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވި އިރު އޭގެ ތެރޭގައި ހިމެނެނީ، 17 ދިވެހިންނާއި 15 ބިދޭސީންނެވެ. އޭގެ ތެރޭގައި ހިމެނެނީ ގުރެޓާމާލެ އޭރިޔާއިން ޕޮޒިޓިވްވި، 19 މީހުންނާއި އަތޮޅުތަކުން ޕޮޒިޓިވްވި، 13 މީހުންނެވެ.

މިއާއި އެކު ރާއްޖެއިން މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ، 12،578އަށް އަރާފައެވެ. އޭގެތެރެއިން މިހާރުވެސް ކޯވިޑް-19އަށް ޕޮޒިޓިވް 967 މީހުން އެބަތިއްބެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން 82 މީހަކަށް ހޮސްޕިޓަލްތަކުގައި ފަރުވާދެމުން ދާއިރު، 341 މީހުން އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިއްބެވެ. އަތޮޅުތެރޭގައި ޤާއިމްކުރެވިފައިވާ ކޯވިޑް-19ގެ ފެސިލިޓީތަކުގެ ތެރެއިން، ބަލިމީހުން އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނީ، ލ ގަން ކޯވިޑް ފެސިލިޓީގައެވެ. އެފެސިލިޓީގައި 2 މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ 14 ރަށަކާއި 30 ރިޒޯޓެއްގައި ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުން ތިބި އިރު، ރިޒޯޓުތަކުގައި 52 ފަތުރުވެރިންނާއި، 155 މުވައްޒަފުން ޕޮޒިޓިވްވެފައި އެބަތިއްބެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން 62 މީހަކު މިއަދު ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއިއެކު ބަލިން ރަނގަޅުވި މީހުންގެ އަދަދުވެސް ވަނީ، 11،559އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑް-19 ބަލީގައި މިހާތަނަށް ނިޔާވެފައި ވަނީ، 45 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ، 37 ދިވެހިންނާއި 8 ބިދޭސީންނެވެ.