ޚަބަރު

ކާބުލްއަށްދިން ރޮކެޓު ޙަމަލާއެއްގައި 8 މީހުން މަރުވެއްޖެ


ކާބުލްގެ އެންމެ މީހުން ގިނަ ސަރަޙައްދަށް ދިން ރޮކެޓު ޙަމަލާއެއްގައި އަށް މީހުން މަރުވެއްޖެއެވެ.

އަފްޣާނިސްތާނުގެ ދާޚިލީ ވުޒާރާގެ ތަރުޖަމާނު ތާރިޤު އާރިއަން ވިދާޅުވީ ނިރުބަވެރި ޖަމާޢަތަކުން ކާބުލްއަށް އަމާޒުކޮށް 23 ރޮކެޓު ފޮނުވާފައިވާކަމަށެވެ. އެ ޙަމަލާގައި މިހާތަނަށް 8 މީހުން މަރުވެފައިވާކަމަށާއި 31 މީހުން ޒަޚަމްވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އޭނާވަނީ އެ ޙަމަލާއަކީ ޠާލިބާނުން ދިން ޙަމަލާއެއްކަމަށް ތުހުމަތުކުރައްވާފައެވެ. ނަމަވެސް ޠާލިބާނުންވަނީ އެ ޙަމަލާ ދިނުމުގައި އެ ޖަމާޢަތުގެ ބައިވެރިވުމެއް ނުވާކަމަށް ބުނެފައެވެ.

ކާބުލްއަށް ވަރުގަދަ ރޮކެޓު ޙަމަލާއެއް ދީފައިވަނީ އަފްޣާނިސްތާނަށް މާލީ އެހީތެރިކަން ހޯދުމަށް ސްވިޒަލޭންޑުގެ ޖެނީވާގައި ޚާއްޞަ ބައްދަލުވުމެއް ބޭއްވުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. އެނގިފައިވާ ގޮތުގައި އެ ޙާމަލާ ދީފައިވަނީ ބޭރު ޤައުމުތަކުގެ ގިނަ ޚާރިޖީ އިދާރާތައް ހުންނަ ކާބުލްގެ ގުރީން ޒޯނާއި ކައިރި ހިސާބަކަށެވެ. އެ ޙަމަލާ ދީފައިވަނީ ކުޑަ ޓްރަކެއްގައި ރޮކެޓުތައް ހަރުކުރުމަށްފަހުގައިކަމަށް އާރިއަން ވިދާޅުވިއެވެ. ސިޓީގެ އެތެރެއަށް ހިލަމެއްނުވެ އެ އުޅަނދަށް ވަދެވުނު ގޮތެއް ތަހުޤީޤުކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

އަފްޣާނިސްތާނަށް ޞުލްޙަ ގެނައުމަށް ޠާލިބާނާއި އެމެރިކާއާ ދެމެދު މިދިޔަ ފެބްރުއަރީ މަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން އަފްޣާނިސްތާނުގެ ސަރުކާއާއި ޠާލިބާނުންނާއިދެމެދު ކުރަމުންދާ ސުލްޙައިގެ މަޝްވަރާތައްވަނީ ކުރިއެރުމެއް ނުލިބި ކޮންމެވެސް ވަރަކަށް މަޑުޖެހިފައެވެ. މި ދުވަސްވަރު އަފްޣާނިސްތާނުގައި ހަނގުރާމަވެރި ޖަމާޢަތްތަކުން ދެމުންދާ ޙަމަލާތައްވަނީ އިތުރުވެފައެވެ. މި މަހުގެ ކުރީ ކޮޅުގައި ހަތިޔާރު އެޅި ބަޔަކު ކާބުލްގެ ޔުނިވަސިޓީއަށް ވަދެ ދިން ޙާމަލާއެއްގައި 35 މީހުން މަރުވެ ފަންސާހަށްވުރެ ގިނަ މީހުން ޒަޚަމްވެފައެވެ. އެ ޙަމަލާގެ ޒިންމާ ނެގީ އައިއެސް ޖަމާޢަތުންނެވެ.