ކުޅިވަރު

ވީޑިއޯގޭމް ވޯލްޑް ޗެންޕިއަންޝިޕްގެ މީޑިޔާ ޕާޓްނަރަކަށް ޕީއެސްއެމް


ވޯލްޑް ސީރީސް އޮފް ވީޑިއޯ ގޭމްސް، ވޯލްޑް ޗެންޕިއަންޝިޕް މިމަހުގެ ފަސްވަނަ ދުވަހު ފެށުމަށް ނިންމާ މިއިވެންޓްގެ މީޑިޔާ ޕާޓްނަރަކަށް ޕީއެސްއެމް ހަމަޖައްސައިފިއެވެ.މިކަން އިޢުލާންކޮށްފައިވަނީ މިއަދު ޓީވީއެމްގައި މިކަމަށްޓަކައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.މިބައްދަލުވުމުގައި ވާހަކަދައްކަވަމުން ވޯލްޑް ސީރީސް އޮފް ވީޑިއޯ ގޭމްސްގެ ޗީފްއެގްޒެކްޓިވް އޮފިސަރ ލުއިސް ފިލިޕް ވިދާޅުވީ މިއީ މިފަދަ އިވެންޓްއެއް ރާއްޖޭގައި ބައްވާ ފުރަތަމަ ފަހަރުކަމަށެވެ.މިމުބާރާތަށް ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވާއިރު، މިއީ ރާއްޖޭގެ ކުޅުންތެރިންނަށް އެކުޅުންތެރިންގެ ހުނަރު ދައްކާލުމަށް ލިބިގެންދާ ވަރަށް ބޮޑު ފުރުސަތެއްކަމަށްވެސް ލުއިސް ފިލިޕް ވިދާޅުވިއެވެ. އަދި ވޯލްޑް ސީރީސް އޮފް ވީޑިއޯ ގޭމް ވޯލްޑް ޗެންޕިއަންޝިޕް މުބާރާތް ކުރިއަށްދާނީ ހަތަރު ބަޔަކަށް ބާހާލެވިގެންކަމަށްވެސް ލުއިސް ފިލިޕް ވިދާޅުވިއެވެ." މިމުބާރާތުގައި ކުޅެވޭނީ ސްޓާރ ޓްރެކް 2، ފީފާ15، އާތް ސްޓޯން އަދި ކްލެސިކް އޭގެއިން ބައިސް2. ކުރިން މިމުބާރާތަށް ރާއްޖެއިން ކޮލިފައިވެފައިވާ ކުޅުންތެރިން ކުޅެމުންދާނީ ދުނިޔޭ އެންމެ މަތީފަންތީގެ ކުޅުންތެރިންނާ" ލުއިސް ފިލިޕް ވިދާޅުވިއެވެ.ރާއްޖޭގެ އީ ސްޕޯޓްސްގެ ރައީސް އިސްމާޢީލް އަޒްމީން ވިދާޅުވީ މިމުބާރާތް ރާއްޖޭގައި އަލަށް ބޭއްވޭނަމަވެސް ވީޑިއޯ ގޭމްސް މުބާރާތްތަކުން ރާއްޖޭގެ ކުޅުންތެރިން ރަގަނޅު ނަތީޖާތަކެއް ހޯދައިފައިވާކަމަށް އަދި މިމުބާރާތުން ރާއްޖެއަށް ރަންވަނައެއްވެސް ލިބިދާނެކަމަށް އަޒްމީން ވިދާޅުވިއެވެ." ރާއްޖޭގައި، މިއަހަރު ކުރީކޮޅު ޖެނުއަރީގައި އަޅުގަނޑުމެން ކޮލިފައިންއެއް ބޭއްވިން ގޭމިން ފެސްޓިވަލްގެ ނަމުގަ. އެމުބާރާތުން އަޅުގަނޑުމެން ފީފާބަޔަށް 4 ކުޅުންތެރިއެއްވަނީ ހޮވާފަ. އެމުބާރާތުން އަޅުގަނޑުމެން ނެގީ އެއްވަނައާއި ދެވަނަ އަދި ކުރިން ބާއްވަމުން އައިސްފައިވާ މުބާރާތަކުން ޗެންޕިއަންއަކާ ވެޓްރެންސް ކުޅުންތެރިއެއް ހިމަނައިގެން މިހާރުވަނީ ހަތަރު ކުޅުންތެރިން ގައުމީ ޓީމަށް ނަގާފަ. މިހަތަރު ކުޅުންތެރިންނަކީ  އަބްދުﷲ އާސިފް މުސްތަފާ، އަހުމަދު އާހިލް، މުހައްމަދު ޒަމީލް އަދި އުމަރު ރާބިލް ނުޒެއިރު." އަޒްމީން ވިދާޅުވިއެވެ.މިމަހުގެ ފަހަކުން ދިހައަކަށް ބަނޑޮސް އައިލެންޑް ރިސޯޓްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތް ބަލާލަން ދިއުމުގެ ފުރުސަތު އީސްޕޯޓްސްގެ ފަރާތުން ހަމަޖައްސާނެކަމަށްވެސް އަޒްމީން ވިދާޅުވިއެވެ. މިމުބާތުގެ ފިފާބައިން އެއްވަނަ ހޯދާ ކުޅުންތެރިއަކަށް 10،000 ޑޮލަރު ލިބިގެންދާނެއެވެ. އަދި އެހެން ހުރިހާ ބަޔަކުން އެއްވަނައަށް ހުށައެޅިފައިވަނީ 20،000 ޑޮލަރެވެ.