ސިޔާސީ

5 ވަނަ އީޔޫ މޯލްޑިވްސް ޕޮލިސީ ޑައިލޮގް މިމަހުގެ 23 ވަނަ ދުވަހު ބާއްވަނީ

ދިވެހިރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންއާއެކު ބާއްވާ ޕޮލިސީ ޑައިލޮގްގެ ފަސް ވަނަ ބައްދަލުވުން މިމަހުގެ 23 ވާ ހޯމަ ދުވަހު އޮންނާނެ ކަމަށް ފޮރިން މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، މިއަހަރުގެ ޕޮލިސީ ޑައިލޮގް ކުރިއަށްދާނީ ވަރޗުއަލްކޮށްކަމަށެވެ. އަދި މި ޑައިލޮގްގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރާނީ ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކާއި، ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކާ ބެހޭ ގޮތުން ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

މީގެ އިތުރުން މަސްވެރިކަމާއި، ތިމާވެއްޓާއި، މޫސުމީ ބަދަލުތަކާއި، ތަރައްޤީގެ ދާއިރާގައި ގުޅިގެން މަސައްކަތްކުރުމާއި، ވިޔަފާރިއާއި އިންވެސްޓްމަންޓްތަކުގެ އިތުރުން މާލީ ދާއިރާ، ޑިމޮކްރަސީ، އިންސާނީ ހައްޤުތައް، ސަލާމަތީ އެއްބާރުލުން އަދި ޝެންގެން ވިސާ އާއި ބެހޭ ގޮތުންވެސް މިއަހަރުގެ ބައްދަލުވުމުގައި މަޝްވަރާކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ހާމަކުރައްވާފައިވެއެވެ.

މި ޕޮލިސީ ޑައިލޮގްގައި ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދުއެވެ. އެމަނިކުފާނުގެ އަރިހުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި، ސަރުކާރުގެ ބައެއް އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި އީޔޫގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ޔޫރަޕިއަން ޔޫނިއަންއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑެނިސް ޗައިބީއެވެ.

ދިވެހިރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންއާ ދެމެދު އެކި ދާއިރާތަކުން ހަރުދަނާ ގޮތެއްގައި މަޝްވަރާކޮށް، ދިވެހިރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ބާއްވާ މި ޑައިލޮގަކީ އަހަރަކު އެއް ފަހަރު ބާއްވާ މަޝްވަރާތަކެކެވެ. މި ޑައިލޮގްގެ އިތުރުން ދިވެހިރާއްޖެއާއި ޔޫރަޕިއަން ޔޫނިއަން އާ ދެމެދު ސީނިއަރ އޮފިޝަލުންގެ ބައްދަލުވުމެއް އަހަރަކު އެއް ފަހަރު ބޭއްވުމަށް ނިންމައި، ފުރަތަމަ ބައްދަލުވުން މިއަހަރު ފެބްރުއަރީ މަހު މާލޭގައި ވަނީ ބާއްވާފައެވެ.