ވިޔަފާރި

އަންނަ އަހަރުތެރޭ ޗުއްޓީއަށްދާން އެންމެ ކަމުދާ މަންޒިލްތަކުގެ އެންމެ ކުރީގައި ރާއްޖެ


ފޯބްސްއިން އެކުލަވާލި އަންނަ އަހަރުތެރޭ ޗުއްޓީއަށްދާން އެންމެ ކަމުދާ މަންޒިލްތަކުގެ އެންމެ ކުރީގައި ރާއްޖެ ހިމެނިއްޖެއެވެ.

'ބަކެޓް ލިސްޓް ޓްރެވަލް'ގެ ނަން ދީފައިވާ މި ލިސްޓުގައި ޖުމްލަ 21 މަންޒިލް ހިމެނެއެވެ. މި ލިސްޓު ތައްޔާރުކޮށްފައިވަނީ އެކި މަންޒިލްތަކަށް އޮންނަ ޑިމާންޑާއި ފަތުރުވެރިން ތަންތަންނަށް ދަތުރު ދިޔުމަށް ޓްރެވަލް އެޖެންޓުން މެދުވެރިކޮށް މައުލޫމާތު ހޯދަމުންދާ މިންވަރަށް ބެލުމަށްފަހުއެވެ.

އޮވޭޝަން ޓްރެވަލް ގުރޫޕުން ހާމަކުރާގޮތުގައި އަންނަ އަހަރު ވެގެންދާނީ ގިނަ ބަޔަކު އެކި ތަންތަނަށް ޗުއްޓީއަށް ދަތުރުކުރާނެ އަހަރަކަށެވެ. މިއަހަރުތެރޭ ކޯވިޑް އާއި ގުޅިގެން ގޭގައި ބަންދުވެފައިތިބި ގިނަ ބަޔަކު އެބަތިއްބެވެ. އެމީހުން ދަނީ އަންނަ އަހަރު ޗުއްޓީއަށް ދާނެ ތަންތަން ހޯދަމުންކަމަށްވެސް އޮވޭޝަނުން ހާމަކުރެއެވެ.

މި ލިސްޓުގެ އެއްވަނަ ރާއްޖެއަށް ލިބިފައިވާއިރު، ރާއްޖެއަކީ ލޯބިވެރިޔާއާއި އެކު އަންނަން އެންމެ ހިތްގައިމު މަންޒިލްގެ ގޮތުގައި އޮވޭޝަނުންވަނީ ސިފަކޮށްފައެވެ. ރާއްޖެއަށް ލިބިފައިވާ ގުދުރަތީ ރީތި ކަމަކީ ބަލާ ފޫހި ނުވާނެ މަންޒަރުތަކެއް ކަމަށާއި ފީނަން ބޭނުންވާ ފަރާތްތަކަށްވެސް ރާއްޖެއަކީ މަޤްބޫލްތަނަކަށްވެގެންދާނެ ކަމަށް އޮވޭޝަނުން ހާމަކުރެއެވެ.

މި ލިސްޓުގައި ހިމެނޭ މަންޒިލްތަކުގެތެރޭގައި، ޓެންޒޭނިއާ، ރުވަންޑާ، ނިއުޒިލޭންޑުގެ ކުވީންސްލޭންޑު އަދި އިންޑޮނޭޝިއާގެ ލޮމްބޮކް ހިމެނެއެވެ.