ޚަބަރު

ނާސާގައި ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ދިވެހި ދަރިވަރުންނަށް


ކެނޭޑިއަން ސްޕޭސް އެޖެންސީގެ ޖޫނިއަރ އެސްޓްރޮނޯޓް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހި ކިޔަވާ ކުދިންނަށް ހުޅުވާލައިފިއެވެ.

ރާއްޖޭގެ ކިޔަވާ ކުދިންނަށް މި ފުރުޞަތު ހުޅުވާލާފައިވަނީ ރާއްޖޭގައި ސްޕޭސް ސައިންސް ޕްރޮމޯޓްކުރުމަށް އުފައްދާފައިވާ އިންސްޓިޓިއުޓް ފޯރ ގްލޯބަލް ސަކްސެސް، އައި.ޖީ.އެސްގެ ފަރާތުންނެވެ.

މި ޕްރޮގްރާމާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އައި.ޖީ.އެސްގެ ޗެއަރމަން އަދި ސީ.އީ.އޯ ރިފްޢަތު މުޙައްމަދު ވިދާޅުވީ، ކެނޭޑިއަން ސްޕޭސް އެޖެންސީގެ ޖޫނިއަރ އެސްޓްރޮނޯޓް ޕްރޮގްރާމް ޚާއްސަކޮށްފައިވަނީ ގްރޭޑް 7، 8، އަދި 9 ގެ ދަރިވަރުންނަށްކަމަށެވެ. އަދި މިއީ ސްޕޭސްއާއި ސައިންސްގެ ދާއިރާއިން ދިވެހި ދަރިވަރުންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަށް އެ އިންސްޓިޓިއުން ތަޢާރަފުކުރި ރާއްޖޭގެ ފުރަތަމަ ސްޕޭސް ޕްރޮގްރާމްގެ ތެރެއިން ކުރިއަށްގެންދާ ޚާއްސަ ހަރަކާތެއްކަމަށް ރިފްޢަތު ވިދާޅުވިއެވެ.

ރިފްޢަތު ވިދާޅުވީ، ޖޫނިއަރ އެސްޓްރޮނޯޓް ޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުންނަަށް އެމެރިކާގެ ޖައްވީ އިދާރާ ނާސާއަށް ގޮސް އިތުރު ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުޞަތުވެސް ފަހިކޮށްދޭނެކަމަށެވެ.

"މި ޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުންނަށް އިތުރު ތަމްރީން ދިނުމުގެގޮތުން އަޅުގަނޑުމެން އެމެރިކާގެ ޖައްވީ އިދާރާ ނާސާއަށްގޮސް އިތުރު ތަމްރީން ހޯދުމުގެ ފުރުޞަތު އަޅުގަނޑުމެން ތަނަވަސްކޮށްދޭނަން. ޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރުންނަށް ކެނޭޑިއަން ސްޕޭސް އެޖެންސީގެ ސެޓިފިކެޓެއް ލިބޭނެ. އަޅުގަނޑުމެންގެ އުއްމީދަކީ މި ޕްރޮގްރާމުގެ ތެރެއިން ވަރަށް ގިނަ ކުދިން އިންސްޕަޔަރވެގެން އެސްޓްރޮނޯޓަކަށްވުމަށް އަދި ސްޕޭސްއާއި ސައިންސްގެ ދާއިރާއިން ކުރިއަށްދިއުމަށް އަޒުމުކަނޑައެޅުން" ރިފްޢަތު ވިދާޅުވިއެވެ.

ރިފްޢަތު ވިދާޅުވީ، މި ޕްރޮގްރާމަކީ ދިވެހި އެސްޓްރޮނޯޓުން އުފެއްދުމަށާއި، ސްޕޭސްއާއި ސައިންސްގެ ދާއިރާއިން ކުރިއަށްދިއުމުގެ ފުރުޞަތު ދިވެހި ކިޔަވާކުދިންނަށް ފަހިކޮށްދިނުމަށް އެޅިގެންދާ މުހިއްމު ބިންގާއެއްކަމަށެވެ. އެހެންކަމުން މިކަމަށް ޝަޢުގުވެރިވާ ވީހާވެސް ގިނަ ދަރިވަރުން މި ފުރުޞަތުގެ ބޭނުން ހިފުމަށް ރިފްޢަތު ވަނީ އެދިވަޑައިގެންފައެވެ.

"މި ޕްރޮގްރާމް ތަޢާރަފުކުރީމަ ކުދިންނަށް ވަރަށް ގިނަ މަޢުލޫމާތުތަކެއް އެނގިގެންދާނެ. އޭގެ އިތުރުން ޢަމަލީ ގޮތުން މިކަންކަން ހިނގާގޮތް ކުދިންނަށް އެނގޭނެ. އެހެންވީމަ އަޅުގަނޑުމެން އުއްމީދުކުރަނީ މިއީ ރާއްޖޭގައި އެސްޓްރޮނޯޓުން އުފެއްދުމަށް އެޅޭ ބިންގަލެކޭ. މި ބިންގަލުގެ ތެރެއިން އަޅުގަނޑުމެން މި ހުޅުވާލާ ފުރުޞަތުގެ ތެރެއިން އަޅުގަނޑުމެން ދެކެން ބޭނުންވަނީ ރާއްޖޭގައިވެސް އެސްޓްރޮނޯޓުން އުފެދިގެންދިއުން. ޚާއްސަކޮށް ސްޕޭސްއާއި ސައިންސް ދާއިރާއަށް ޝަޢުގުވެރިވާ ކުދިން މި ދާއިރާއަށް ކުރިމަތިލާ އަޅުގަނޑުމެންނާވެސް ގުޅިގެން ކުރިއަށްދިއުމަށް މަސައްކަތްކުރުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އިތުރު ފުރުޞަތުތައް ތަނަވަސްކޮށްދޭނަން" ރިފްޢަތު ވިދާޅުވިއެވެ.

ކެނޭޑިއަން ސްޕޭސް އެޖެންސީގެ ޖޫނިއަރ އެސްޓްރޮނޯޓް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، އިންސްޓިޓިއުޓް ފޯރ ގްލޯބަލް ސަކްސެސް، އައި.ޖީ.އެސް ރަސްމީ ފޭސްބުކް ޕޭޖުން މި ޕްރޮގްރާމުގައި ރަޖިސްޓްރީވެވޭނެކަމަށް އެ އިންސްޓިޓިއުޓުން ވިދާޅުވެއެވެ. މި ޕްރޮގްރާމް ކުރިއަށްދާނީ 6 ޑިސެމްބަރު 2020 އިން 7 ޖެނުއަރީ 2021 ގެ ނިޔަލަށެވެ.