ވިޔަފާރި

ކުދި ވިޔަފާރިތަކަށް އަމާޒްކޮށްގެން ތިލަފުށީގައި މެނިފެކްޗަރިންގ އޭރިއާއެއް ޤާއިމްކުރަނީ


ކުދި ވިޔަފާރިތަކަށް އަމާޒްކޮށްގެން ތިލަފުށީގައި މެނިފެކްޗަރިންގ އޭރިއާއެއް ޤާއިމްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޟު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ޒުވާނުންނަށް ވިޔަފާރި ފެށުމާއި ވިޔަފާރިތަކުގައި ކުރިއަށްދިއުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން "އީޖާދީ މަންސަ" ގެ ނަމުގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މުބާރާތް އިފްތިތާހްކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރ ފައްޔާޟު ވިދާޅުވީ ސަރުކާރުގެ އެންމެ މުޙިންމު އެއް ތަބަކީ ކުދި ވިޔަފާރި އާއި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުން ކަމަށެވެ. އެގޮތުން އެފަދަ ވިޔަފާރިތައް ކުރިއަށްގެންދިޔުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ބައެއް ކުންފުނިތަކާއި ގުޅިގެން ކުރިއަށްގެންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

" އެޗްޑީސީއާއި އެއްކޮށް މިހާރުވެސް މަޝްވަރާކުރަމުން މިދަނީ ތިލަފުށީގައި ޚާއްސަ މެނިފެކްޗަރިންގ އޭރިއާއެއް ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ޤާއިމްކުރުމުގެ ޕޮސިބިލިޓީސް ބަލަމުން މިދަނީ، އުއްމީދަކީ އެކަމުގައިވެސް ވަރަށް އަވަހަށް ހައްލުތަކެއް ލިބިގެންދާނެ ކަމަށް" މިނިސްޓަރ ފައްޔާޟު އިސްމާއިލް ވިދާޅުވިއެވެ.

މިނިސްޓަރވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އެޗްޑީސީން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށްފައެވެ. އެގޮތުން އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ބިޒްނަސް ސެންޓަރ ކޯރޕަރޭޝަނާއި ގުޅިގެން އެކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.