ދުނިޔެ

އޮންޓޯރިއޯ ފުރަބަންދުކުރަނީ، ކެނެޑާގެ ޙާލަތު ގޯސްވެދާނެ ކަމުގެ އިންޒާރު


މި އަހަރު ނިމުމުގެ ކުރިން ކެނެޑާގައި ދުވާލެއްގެ މައްޗަށް ކޯވިޑް ޖެހޭ މީހުންގެ ޢަދަދު 60،000އަށް އިތުރުވުން އެކަށީގެންވާކަމުގެ އިންޒާރު އެ ޤައުމުގެ ޢާންމު ޞިއްޙަތާއިބެހޭ އެންމެ އިސް ފަރާތުން ދީފިއެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޑރ. ތެރޭސާ ޓޭމް ވިދާޅުވީ ކެނެޑާގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކާއި އެއްގޮތަށް އެ ޤައުމުގެ ރައްޔިތުން ޢަމަލުކުރަމުންދިޔަ ނަމަވެސް މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ ޢަދަދު 20،000އަށް އިތުރުވުން އެކަށީގެންވާކަމަށެވެ. އެއީ މިވަގުތު ދުވާލެއްގެ މައްޗަށް ބަލިޖެހެމުންދާ 5،000 މީހުންނާއި އަޅައި ބަލާއިރު ހަތަރު ގުނަ އިތުރު ޢަދަދެކެވެ. ބައެއް ސަރަޙައްދުތަކުގެ ހަސްފަތާލުތަކަށް މިހާރުވެސް ބާރުބޮޑުވެފައި ވަނިކޮށް އެ ޢަދަދަށް ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވެއްޖެނަމަ މުޅި ޤައުމުގެ ޞިއްޙީ ނިޒާމު ހުއްޓުމަކަށް އައުމަކީ ވަރަށް ގާތްކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ކެނެޑާގައި މިހާތަނަށް 315،751 މީހުންނަށް ކޯވިޑް-19ޖެހި 11،265 މީހުންވަނީ މަރުވެފައެވެ. ރަސްމީ ފަރާތްތަކުންވަނީ ނޮވެމްބަރު މަހުގެ ނިޔަލަށް ބަލީގެ ސަބަބުން ކެނެޑާގައި މަރުވާ މީހުންގެ ޢަދަދު 12،120އަށް އަދި ބަލިޖެހޭ މީހުންގެ ޢަދަދު 378،600އަށް އިތުރުވެދާނެކަމުގެ އިންޒާރު ދީފައެވެ.

ކޯވިޑް-19ގެ ދެވަނަ ރާޅެއް ކެނެޑާގައި ފެތުރެމުންދާ މި ދަނޑިވަޅުގައި އެ ޤައުމުގެ ގިނަ ޕްރޮވިންސުތަކެއްގައި މިހާރުވަނީ ރައްކާތެރިތަކުން ފިޔަވަޅުތައް އަލުން ރުޖޫޢަކޮށްފައެވެ. އެގޮތުން އެއްތަނުން އަނެއްތަނަށް ދަތުރުކުރުމާއި ވިޔަފާރިތައް ހިންގުމުގައި އަޅާފައިވާ ފިޔަވަޅުތައްވަނީ އިތުރަށް ހަރުކަށިކޮށްފައެވެ.

ކެނެޑާގެ އެންމެ އާބާދީ ބޮޑު ޕްރޮވިންސުކަމުގައިވާ އޮންޓާރިއޯގެ ޙާލަތުދަނީ ގޯސްވަމުންނެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޕްރޮވިންސުގައި 1،418 މީހުންނަށްވަނީ ބަލިޖެހިފައެވެ. އެއާއިއެކު އެ ޕްރޮވިންސު ނޮވެމްބަރު މަހުގެ 23ވަނަ ދުވަހުން ފެށިގެން ފުރަބަންދުކުރުމަށް ނިންމާފައިވާކަމަށް އެ ޕްރޮވިންސުގެ ޕްރެމިއާ، ޑައުގް ފޯޑްވަނީ އިޢުލާނުކުރައްވާފައެވެ.

ކެނެޑާގެ ބޮޑުވަޒީރު، ޖަސްޓިން ޓްރޫޑޯވެސްވަނީ ކެނެޑާގެ ރައްޔިތުންނާއި މުޚާތަބުކުރައްވާ ނޮވެމްބަރު މަހުގެ 20ވަނަ ދުވަހުގައި ވާހަކަދައްކަވާފައެވެ. ބޮޑުވަޒީރު ޓްރޫޑޯ ވިދާޅުވީ ބަލި ފެތުރުން ހުއްޓުވުމަށް ކޮންމެ މީހަކާވެސް ބައްދަލުވާ މީހުންގެ ޢަދަދު މަދުކުރަންޖެހޭކަމަށެވެ. އަދި ޢާންމު ޞިއްޙަތުގެ ޤަވާއިދުތަކަށް ޢަމަލުކުރުމުގައި ދެމިތިބުމުގެ މުހިންމުކަން އޭނާވަނީ ފާހަގަކުރައްވާފައެވެ. ޙާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށިކުރަންވީ ވަގުތަކީ މިއީކަމަށް ބޮޑުވަޒީރު ޓްރޫޑޯ ވިދާޅުވިއެވެ.

ޓްރޫޑޯވަނީ ކެނެޑާގެ ހަސްފަތާލުތަކަށް ބާރުބޮޑުވަމުންދާކަމަށް ފާހަގަކުރައްވާފައެވެ. މިހާރު ބަލިޖެހޭ ކޮންމެ މީހެއްގެ ސަބަބުންވެސް ޞިއްޙީ ނިޒާމަށް އޮތް ބުރަ އިތުރުވާނެކަމަށް އޭނާ ވިދާޅުވިއެވެ. ޞިއްޙީ ޚިދުމަތްތެރިން ކުރީ ސަފުގައި މަސައްކަތްކުރަމުންދާތާ ދިހަ މަހަށްވުރެ ގިނަ ދުވަސްވެފައިވާކަން ފާހަގަކުރައްވަމުން އެމީހުންނަކީ ބަޠަލުންގެ ގޮތުގައި ސިފަކުރައްވާ ބޮޑުވަޒީރު ޓްރޫޑޯ ވިދާޅުވީ އެ ފަރާތްތައް ވަރުބަލިވެފައިވާކަމަށާއި ބަލިފެތުރޭ މިންވަރު ދަށްކޮށް، އެފަރާތްތަކަށް އޮތް ބުރަ ކުޑަކޮށްދޭންޖެހޭކަމަށެވެ.