ދުނިޔެ

ކޯވިޑް ޖެހި ރަނގަޅުވުމުން 6 މަސްދުވަހަށް ބަލިން ރައްކާތެރިކޮށްދޭ

ކޯވިޑް-19 ޖެހި ރަނގަޅުވެފައިވާ މީހަކަށް ހަ މަސް ދުވަސް ވަންދެން ދެވަނަ ފަހަރަށް ބަލިޖެހޭނެކަމަށް ނުބެލެވޭކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އިނގިރޭސިވިލާރުގެ އޮކްސްފޯޑު ޔުނިވަސިޓީން ކުރީ ސަފުގައި މަސައްކަތްކުރާ ޞިއްޙީ ޚިދުމަތްތެރިންގެ މެދުގައި ކުރި ދިރާސާއަކުން ދައްކާގޮތުގައި ކޯވިޑް ޖެހޭ މީހަކު ރަނގަޅުވުމަށްފަހު ހަ މަސްވަންދެން ދެވަނަ ފަހަރަށް ބަލިޖެހުމުން ހަށިގަނޑު ރައްކާތެރިކޮށްދެއެވެ. ދިރާސާކުރުމުގައި އިސްކޮށް ޙަރަކާތްތެރިވި ޑޭވިޑް އަޔާ ވިދާޅުވީ އެއީ ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ކޯވިޑް ޖެހި ރަނގަޅުވެފައިވާ 51 މިލިއަނަށްވުރެ ގިނަ މީހުންނަށް އޮތް އުފާވެރި ޚަބަރެއްކަމަށެވެ.

މީގެ ކުރިން ކޯވިޑް-19 ޖެހިފައިވާ މަދު ބަޔަކަށް ދެވަނަ ފަހަރަށް އެ ބަލި ޖެހުމުން ބައްޔާއި ދެކޮޅަށް ހަށިގަނޑުގެ ދިފާޢީ ނިޒާމުން މަސައްކަތް ނުކުރާކަމުގެ ކަންބޮޑުވުން އިތުރުވިއެވެ. އެއާއިއެކު ބަލިން ރަނގަޅުވުމުން ބައްޔާއި ދެކޮޅަށް ހަށިގަނޑުގައި އުފެދޭ ދިފާޢީ ބާރު ދެމި ހުންނަނީ ވަރަށް ކުރު މުއްދަތަކަށްކަމަށް ބެލެވުނެވެ.

ނަމަވެސް ބަލިޖެހުމުގެ ފުރުޞަތު ވަރަށް ބޮޑު ކުރީ ސަފުގައި މަސައްކަތްކުރާ ޞިއްޙީ ޚިދުމަތްތެރިންގެ މެދުގައި މި އަހަރުގެ އޭޕްރިލް މަހުން ނޮވެމްބަރު މަހުގެ ނިޔަލަށް ކުރި ދިރާސާއިންވަނީ އެއްފަހަރު ބަލިޖެހިފައިވާ މީހަކަށް ދެވަނަ ފަހަރަށް ބަލިޖެހުމަކީ ވަރަށް ނާދިރުކަމެއްކަމަށް ދައްކާފައެވެ. ދިރާސާގެ ނަތީޖާއިން ބަލިޖެހި ރަނގަޅުވުމުން ހަށިގަނޑުގައި އުފެދޭ އެންޓިބޮޑީ މާއްދާ މަދުވެގެން ހަ މަސް ދުވަސް ވަންދެން ދެމި ހުންނަކަމަށާއި، ތަހުލީލުގައި ބައިވެރިވި އެއްވެސް މީހެއްގެ ކިބައިން ބަލީގެ ޢަލާމާތެއް ފެންނަވަރުގެ އިންފެކްޝަނެއް ދެވަނަ ފަހަރަށް އުފެދިފައިނުވާކަން ދައްކާފައިވާކަމަށް އަޔާ ވިދާޅުވިއެވެ.

އޮކްސްފޯޑުގެ ދިރާސާގައި ބައިވެރިވި 11،052 ޞިއްޙީ ޚިދުމަތްތެރިންގެ ތެރެއިން ކުރިން ބަލި ޖެހިފައިނުވާ 89 މީހުންނަށްވަނީ ކޯވިޑް ޖެހިފައެވެ. ނަމަވެސް ކުރިން ބަލިޖެހިފައިވާ 1،246 މީހުންގެ ތެރެއިން އެއްވެސް މީހަކަށް ޢަލާމާތްތައް ފެންނަ ވަރަށް ބަލިޖެހިފައެއް ނުވެއެވެ. އަދި އަލާމާތް ނުފެނި ބައްޔަށް ޕޮސިޓިވްވާ މީހުންވެސް ކުރިން ބަލިޖެހިފައިވާ މީހުންގެ މެދުގައި މަދެވެ. އެގޮތުން އަލާމާތެއް ނެތި ޕޮސިޓިވްވެފައިވާ މީހުންގެ ތެރެއިން 76 މީހުންނަކީ ކުރިން ބަލިޖެހިފައިވާ މީހުންނެއް ނޫނެވެ. އެއާއި ޚިލާފަށް އަލާމާތެއްނެތި ޕޮސިޓިވް ވެފައިވަނީ އެންޓިބޮޑީ ހުރި ތިން މީހުންނެވެ. ތިން މީހުންގެ ޙާލުވެސް ރަނގަޅުކަމަށް ދިރާސާގައިވަނީ ފާހަގަކޮށްފައެވެ.

އެހެން ސައިންސްވެރިން މި ދިރާސާގެ ނަތީޖާތައް މިހާތަނަށް މުރާޖަޢާކޮށްފައި ނުވިނަމަވެސް އެ ނަތީޖާތައްވަނީ ދިރާސީ ލިޔުންތައް ޝާޢިއުކުރާ ވެބްސައިޓެއްގައި ހިމަނާފައެވެ. ދިރާސާކުރި ފަރާތުން ބުނީ އެ ދިރާސާގައި ބައިވެރިވި މީހުންގެ ޙާލަތު ކައިރިން ބަލަމުންދާކަމަށާޢި ވައިރަހާއި ދެކޮޅަށް އުފެދިފައިވާ ދިފާޢީ ބާރު ހަށިގަނޑުގައި ދެމިހުންނަނީ ކިހާ ދުވަހަކަށްކަމަށާއި ކުރިން ބަލިޖެހިފައިވާ މީހަކަށް އަލުން ބަލިޖެހުމުން ބަލީގެ ހާލަތަށް ބަދަލެއް އާދޭތޯ ބަލަމުން ދާނެކަމަށެވެ.