ސިޔާސީ

އދގެ ވޯކިންގ ގްރޫޕުގެ ނިންމުން ބަލައެއް ނުގަނެވޭނެ- ސަރުކާރު


ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރީޢަތް ކުރިއަށްގެންގޮސްފައިވަނީ އުސޫލާ ޚިލާފަށް ކަމަށް އދ.ގެ ވަރކިންގ ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ކަނޑައަޅާފައިވަނީ ދިވެހި ސަރުކާރުން ހުށައަޅާފައިވާ ނުކުތާތަކަށް ރިއާޔަތްކުރުމެއް ނެތިކަމަށާއި އެހެން ކަމުން އެނިންމުން ބަލައި ނުގަނެވޭނެކަމަށް ސަރުކާރުން ބުނެފިއެވެ.މިމައްސަލަބެލި އދގެ ވާރކިން ގްރޫޕުން ނިންމި ނިންމުގެ ތަފްސީލެއް އަދި ލިބިފައެއްނުވެއެވެ.ނަޝީދުގެ ފަރާތްޕުޅުން ވަކާލާތުކުރާ ބޭރުގެ ވަކީލު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެނިންމުމުގެ ތަފްސީލު ލިބުމުން އަންނަ ހޯމަ ދުވަހު ހާމަކުރާނެކަމަށެވެ.ފޮރިން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ޝަރުއީ މަރުހަލާގެ ތެރޭގައި މިމައްސަލަ ހިނގަމުންދަނިކޮށް އދ.ގެ ވަރކިންގ ގްރޫޕުން ވަކިގޮތަކަށް ނިންމުމުން އެއީ އެގްރޫޕުން އެމައްސަލަ އަވަސްއަރުވާލައިގެން ނިންމުންކަމަށެވެ. އެހެންކަމުން ދިވެހި ސަރުކާރުން މިމައްސަލާގައި ހުށަހެޅި ކަންކަމަށް އދގެ ވާރކިން ގްރޫޕުން ރިއާޔަތްކޮށްފައިނުވާތީ އެގްރޫޕުން ނިންމި ނިންމުން ސަރުކާރުން ބަލައިނުގަންނަކަމަށް  ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އެނިންމުމާއިއެއްގޮތަށް ސަރުކާރުން އަމަލުކުރަން ނުޖެހޭނެކަމަށްވެސް ބުނެފައިވެއެވެ.ސަރުކާރުން ބުނެފައިވަނީ ނަޝީދުގެ ފަރާތްޕުޅުން މިމައްސަލަ އދގެ ވަރކިންގ ގްރޫޕަށް ހުށަހަޅާފައިވަނީ ރާއްޖޭގެ ޝަރުއީ ދާއިރާގެ ހުރިހާ މަރުހަލާއެއް ނިންމާފައިނޫންކަމަށެވެ. އެކަމަކު އެގޮތަށް މައްސަލަ ހުށަހެޅުމުގެ ކުރިން ޝަރުއީ އެމަރުހަލާތައް ފުރިހަމަ ކުރަންޖެހޭނެކަމަށް ގަބޫލުކުރާކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ.ފޮރިން މިނިސްޓްރީން ބުނީ ޝަރުއީ މަރުހަލާގައި އެއްބާރުލުން ދެއްވަން ނަޝީދު ބޭނުންފުޅުނުވާކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގައި ގާއިމުވެފައިވާ އުސޫލުތަކުގެތެރެއިން އެމައްސަލަ ކުރިއަށްގެންދަން ހުރަސްތައް ކުރިމަތިވަމުންދާކަމަށެވެ.ނަޝީދުގެ ފަރާތްޕުޅުން އެމައްސަލަ އިސްތިއުނާފް ނުކުރުމުން، ޕްރޮސެކިއުޓަރ ޖެނެރަލް އެމައްސަލަ ހައިކޯޓްގައި އިސްތިއުނާފްކޮށް ހައިކޯޓުން މައްސަލަ ބަލައިނުގަތުމުން، މިހާރު ސުޕްރީމް ކޯޓަށްވެސް އެމައްސަލަ ޕްރޮސެކިއުޓަރޖެނެރަލް ވައްދާފައިވާކަންވެސް ސަރުކާރުން ފާހަގަކުރެއެވެ.