ވިޔަފާރި

ފަތުރުވެރިކަމުގެ އެންމެބޮޑު މާކެޓްތަކުގައި އެއް ވަގުތެއްގައި މީޑިއާ ކެމްޕޭނެއް ފަށައިފި


ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގެ ގޮތުން އެންމެ ބޮޑު ފަތުރުވެރިކަމުގެ މާކެޓްތަކުގައި އެއް ވަގުތެއްގައި ކުރިއަށް ގެންދާ މީޑިއާ ކެމްޕޭނެއް މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީން ފަށައިފިއެވެ.

އެމްއެމްޕީއާރުސީން ވިދާޅުވީ މި ކެމްޕޭންގެ ދަށުން ފަތުރުވެރިކަމަށް ޚާއްސަ އޮންލައިން އަދި ޕްރިންޓް ނޫސްތަކާއި ބައިނަލްއަޤްވާމީ ބޮޑެތި ނޫސްތަކުގައި ރާއްޖެ އިޝްތިހާރު ކުރެވިގެން ދާނެ ކަމަށާއި މި ކެމްޕޭން ކުރިއަށް ގެންދާނީ "ރީޑިސްކަވަރ މޯލްޑިވްސް-ދަ ސަނީ ސައިޑް އޮފް ލައިފް"، މިސްލޯގަން ގެ ދަށުންކަމަށެވެ.

އެއް މަސް ދުވަހަށް ކުރިއަށް ގެންދާ މި ކެމްޕޭނުގެ މައިގަނޑު މަޤްސަދަކީ ފަތުރުވެރިން ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތްކުރާ މާކެޓްތަކުގެ މެދުގައި ރާއްޖެ އަކީ އެންމެ މަޤްބޫލު ފަތުރުވެރިކަމުގެ މަންޒިލްގެ ގޮތުގައި އިޝްތިހާރުކޮށް، ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ރާއްޖޭގެ ރީތި ނަން މީހުންގެ ހަނދާނުގައި ބެހެއްޓުން ކަމަށް އެމްއެމްޕީއާރުސީން ހާމަކުރެއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގެ މީޑިއާ ކެމްޕޭން ކުރިއަށްދާ މާކެޓްތަކަކީ އިންޑިއާ، އިނގިރޭސިވިލާތް، ރަޝިޔާ، މެދުއިރުމަތީގެ ޤައުމުތައް، ޕްރާންސް، ޖަރުމަން، ތުރުކީވިލާތް، ސިންގަޕޫރު، ސައުތު އެފްރިކާ، އިޓަލީ، ހޮންގް ކޮންގް އަދި އޭޝިއާ ޕެސިފިކް ޤައުމުތަކެވެ.

ސިއްޙީ އަދި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ އިތުރުން ރާއްޖޭގެ ޚާއްސަކަމުގެ މައްޗަށް ބިނާކޮށް ދުނިޔޭގެ ފެންވަރުގައި ނަން މަޝްހޫރު މީސްމީޑިއާ އަދި ޕްލެޓްފޯމް ތަކުގައި ރާއްޖެ މާކެޓްކުރުމަށްވަނީ ހަމަޖެހިފައެވެ.

މިކެމްޕޭންގެ ދަށުން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރުމުގެ ކުރިން ކޮންމެހެން ވެސް އެނގެންޖެހޭ މުހިއްމު މައުލޫމާތު ހިމެނޭ ގޮތަށް އޮންލައިން ބްރޯޝާރއެއް ވެސް ވަނީ އެކުލަވާލެވިފައެވެ. މި ބްރޯޝާރގައި އިތުރަށް ހިމެނޭނެ ބައިތަކުގެ ތެރޭގައި މޯލްޑިވްސް ބޯޑަރ މައިލްސް ލޯޔަލްޓީ ޕްރޮގްރާމް އަދި ކޯވިޑް-19 އަށް ޚާއްސަކޮށްގެން ތަޢާރަފް ކުރެވުނު އެލައިޑް އިންބައުންޑް އިންޝުއަރެންސްގެ އިތުރުން އެކި ކަންކޮޅުތަކުން ދިވެހިރާއްޖެއަށް ދަތުރު ކުރާ ފްލައިޓް ތަކުގެ މައުލޫމާތު ވެސް ހިމެނޭނެ ކަމަށް އެމްއެމްޕީއާރުސީން ހާމަކުރެއެވެ.

ކޯވިޑް-19 ގެ ސަބަބުން މިއަހަރަށް ރޭވިފައިވާ މާކެޓިން ހަރަކާތްތައް އޮންލައިން އަދި ޑިޖިޓަލް ޕްލެޓްފޯމްތަކަށް ބަދަލު ކުރަން ޖެހުނު ކަމުގައި ވިޔަސް އެމްއެމްޕީއާރުސީން ދަނީ ރާއްޖެ އިޝްތިހާރުކުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ހާލަތު ބަދަލު ވަމުން ދާވަރަކަށް ކްރައިސިސް ރިކަވަރީ ޕްލޭންވެސް އެއާ އެއްގޮތަށް ބަދަލުކޮށް ރާއްޖެ އެކި ޕްލެޓްފޯމްތަކުގައި އިޝްތިހާރުކުރުމުގެ ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.