ވިޔަފާރި

އަންނަ އަހަރު ފަތުރުވެރިކަން އެންމެ ރަނގަޅު ހާލަތުގައި 7ލައްކައަށްވުރެ ގިނަ ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރެވޭ


އަންނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަން އެންމެ ރަނގަޅުވެގެންދާ ހާލަތުގައި ރާއްޖެއަށް 7 ލައްކަ 50 ހާސް ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ފާއިތުވި ދެއަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ މާލީ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކާއި ކުރިއަށް ރޭވިފައިވާ ކަންކަމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާއި ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ ސަރުކާރުން މަސައްކަތްތައް ކުރަމުންދަނީ 3 ހަލާތަކަށް ތައްޔާރުވެގެން ކަމަށެވެ. އަދި މިވަގުތު ބޭނުންކުރަމުންދަނީ މޮޑަރޭޓް ކޭސް، ނުވަތަ ފަތުރުވެރިކަން މެދު މިންވަރެއްގައި ކުރިއަރައިގެންދާނެ ކަމަށް ބަލައިގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" އަންނަ އަހަރު މިއަދަދުތަކަށްވުރެ އިތުރަށްވެސް ފަތުރުވެރިން ރާއްޖެއަށް އައިސްދާނެ، ތިން ސިނޭރިއޯއަކަށް ތައްޔާރުވަމުންމިދަނީ، އެއީ ބެސްޓް ކޭސް ސިނޭރިއޯއަކާއި، މޮޑަރޭޓް ކޭސް އަދި ވަރސްޓް ކޭސް ސިނޭރިއޯ، މިވަގުތު ބޭނުން ކުރަމުން މިދަނީ މޮޑަރޭޓް ކޭސް އެއީ 6 ލައްކަ ހަތަރު ހާސް ފަތުރުވެރިން އަންނަ އަހަރު ރާއްޖެ އަންނާނެ ކަމަށް،" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކޯވިޑް-19 އަށް ވެކްސިންއެއް ލިބުމުގެ އުއްމީދު ބޮޑުވެފައިވާއިރު، އަންނަ އަހަރު ރާއްޖެއަށް 6 ލައްކައަށްވުރެ ގިނަ ފަތުރުވެރިން އައުންވެސް އެކަށީގެންވާ ކަމަށެވެ. އަދި 6 ލައްކައަށްވުރެ އިތުރަށް ރާއްޖެއަށް ފަތުރުވެރިން އަތުވެއްޖެނަމަ ބަޖެޓުގައި މިހާރު އަންދާޒާކޮށްފައިވާ ފައިނޭންސިންގ ގެޕް ކުޑަވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" ވަރަށް ހޯޕްފުލް އަންނަ އަހަރު ހަލައްކައަށްވުރެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އަންނާނެ ކަމަށް، 6 ލައްކައަށްވުރެ އިތުރުވަންޏާ އަޅުގަނޑުމެން އަންދާޒާ ކޮށްފައިހުރި ފައިނޭންސިންގ ގެޕްވެސް ކުޑަ ވެގެންދާނެ، ދަރަންޏަށް ފައިސާ ނަގަންޖެހޭ މިންވަރުވެސް ކުޑަވެގެންދާނެ" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ކޯވިޑް-19 އާއި ގުޅިގެން ދަތުރުފަތުރުކުރާ މީހުންގެ އަދަދުވަނީ ދަށްވެފައެވެ. ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލާފައިވަނީ މިދިޔަ ޖުލައިމަހުގެ ފަނަރަވަނަ ދުވަހުއެވެ. މިއާއެކު ރާއްޖެއަށް އަންނަ ފަތުރުވެރިން އަދަދު ދަނީ އިތުރުވަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 441،952 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.