ޚަބަރު

އަލުން ވޯޓު ގުނުމުންވެސް ޖޯޖިއާ ކާމިޔާބުކުރެއްވީ ބައިޑަން


ނޮވެމްބަރު މަހުގެ 3ވަނަ ދުވަހު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ޖޯޖިއާ ސްޓޭޓުގައި ލާފައިވާ ވޯޓު އަލުން ގުނުމުންވެސް އެ ސްޓޭޓުގެ އަޣުލަބިއްޔަތު ހޯދާފައިވަނީ އިދިކޮޅު ކެންޑިޑޭޓު ޖޯ ބައިޑަންކަން ރަސްމީކޮށް ޔަޤީންވެއްޖެއެވެ. މިއީ 1992ވަނަ އަހަރުން ފެށިގެން ޑިމޮކްރަޓުންނަށް ނިސްބަތްވާ ބޭފުޅަކު އެ ސްޓޭޓުގެ އަޣުލަބިއްޔަތު ހޯއްދެވި ފުރަތަމަ ފަހަރެވެ.

ޖޯޖިއާ ސްޓޭޓު ކާމިޔާބުވުމުން ޖޯ ބައިޑަންއަށް އެ ސްޓޭޓުން 16 އިލެކްޓޯރަލް ވޯޓުވަނީ ޔަޤީންވެފައެވެ. އެހެންކަމުން އޭނާއަށް ލިބިފައިފާ އިލެކްޓޯރަލް ވޯޓުގެ ޢަދަދުވަނީ 306އަށް އިތިރިވެފައެވެ. ރައީސް ޓްރަންޕަށް ލިބިފައިވަނީ 232 އިލެކްޓޯރަލް ވޯޓެވެ. އިންތިޚާބު ކާމިޔާބު ކުރުމަށް މަދުވެގެން 270 އިލެކްޓޯރަލް ވޯޓު ހޯދަންޖެހެއެވެ.

އިންތިޚާބުގައި ދެ ބޭފުޅުންނަށް ލިބިފައިވާ ވޯޓު ގުނުމަށްފަހު އެމެރިކާގެ މީޑިޔާތަކުންވަނީ އިންތިޚާބު ކާމިޔާބު ކުރެއްވީ ޖޯ ބައިޑަންކަމަށް ނޮވެމްބަރު މަހުގެ 7ވަނަ ދުވަހުގައި އިޢުލާނުކޮށްފައެވެ. އިންތިޚާބަށް އެންމެ މުހިންމު ސްޓޭޓުތައް ކަމުގައިވާ ޕެންސިލްވޭނިއާއާއި މިޝިގަންއާއި ވިސްކޮންސިންގެ އަޣުލަބިއްޔަތުވެސް ހޯއްދަވާފައިވަނީ ޖޯ ބައިޑަންއެވެ. ނަމަވެސް ޖޯޖިއާގައި ދެބޭފުޅުންގެ ނަތީޖާ އެއްވަރުކަމުން އެ ސްޓޭޓު ކާމިޔާބުކުރެއްވީ ކޮން ފަރާތެއްކަން އެ ދުވަހު އިޢުލާނުކޮށްފައެއް ނުވެއެވެ. އޭގެ ފަހުން ޖޯޖިއާއިންވަނީ ދެ ބޭފުޅުންނަށް ލިބިފައިވާ ވޯޓުގެ ޢަދަދުގެ ފަރަގު ކުޑަވުމުގެ ސަބަބުން އަލުން ވޯޓު ގުނުމަށް ނިންމާފައެވެ. ވޯޓު އަލުން ގުނީ ވޯޓުގައި މައްސަލައެއް ހުރިކަމަސް ބެލެވިގެން ނުވަތަ އަލުން ގުނުމަށް އެއްވެސް ފަރާތަކުން އެދިގެނެއް ނޫނެވެ.

މެޝިން ބޭނުން ނުކޮށް ގާތްގަނޑަކަށް ފަސް މިލިއަނެއްހާ ވޯޓު އަލުން އަތުން ވޯޓު ގުނުމަށްފަހު ޖޯޖިއާ ކާމިޔާބުކުރައްވާފައިވަނީ ބައިޑަންކަމަށް ޖޯޖިއާގެ ސެކެޓްރީ އޮފް ސްޓޭޓުންވަނީ އިޢުލާނުކޮށްފައެވެ. މިއަދުގެ 5 ޖެހުމުގެ ކުރިން ޖޯޖިއާ ސްޓޭޓުގެ އަޣުލަބިއްޔަތު ކާމިޔާބުކުރެއްވީ ބައިޑަންކަމަށް ރަސްމީކޮށް ލިޔުމުން ހުށަހަޅަން ޖެހޭނެއެވެ.
ޖޯޖިއާ ސްޓޭޓު ކާމިޔާބުކުރައްވާފައިވަނީ ބައިޑަންކަމަށް އެ ސްޓޭޓުން އިޢުލާނުކޮށްފައި މިވަނީ ގިނަ ސްޓޭޓުތަކުގެ ނަތީޖާއާއި މެދު ސުވާލު އުފައްދަވައި ރައީސް ޓްރަންޕުގެ ފަރާތުން ގިނަ ޤާނޫނީ މައްސަލަތަކެއް ހުށަހަޅަމުންދާ ދަނޑިވަޅޭއްގައެވެ. އެއްވެސް ހެއްކެއް ނެތި ރައީސް ޓްރަންޕުދަނީ އިންތިޚާބު އޮޅުވާލާފައިވާކަމަށް ތަކުރާރުކޮށް ތުހުމަތުކުރައްވަމުންނެވެ. އިންތިޚާބުގެ ނަތީޖާ ޤަބޫލުކުރައްވަން އެމަނިކުފާނުދަނީ ދެކޮޅުހައްދަވަމުންނެވެ. ޓްރަންޕުގެ ޤާނޫނީ ވަކީލު، ރޫޑީ ގިއުލިއާނީވަނީ އިންތިޚާބުގެ ނަތީޖާ ބާތިލްކުރެވޭ މިންވަރަށް ހެކި ލިބިފައިވާކަމަށް ބުނެފައެވެ.