ސިޔާސީ

އިންޑިއާގެ ތަހްގީގް ޓީމު މާލެ އަތުވެއްޖެ


ރައީސުލްޖުމްހޫރިއްޔާގެ
ދެކަނބަލުން ދަތުރުފުޅުކުރެއްވި ލޯންޗުކޮޅުގައި އެއްޗެއް ގޮވާ ހިނގި ޙާދިސާ
ތަޙުޤީޤްކުރުމުގައި، އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިޔާގެ ތަޖުރިބާކާރުން މިރޭރާއްޖެ
އަތުވެއްޖެއެވެ.



އިންޑިއާގެ
ތަޖުރިބާކާރުން މިރޭ ރާއްޖެ އައިސްފައިވާއިރު ފުލުހުން ބުނީ، މި ތަޙުޤީޤްގައި
އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މާދަމާ ސްރީލަންކާގެ ތަޖުރިބާކާރުންވެސް
ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށެވެ. ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވާ
ހިނގި ޙާދިސާ ތަޙުޤީޤްކުރުމުގައި ބައިނަލްއަޤްވާމީ އެހީއަށް ސަރުކާރުންވަނީ
އެދިފައިވެއެވެ. އެގޮތުން އެމެރިކާގެ ފެޑަރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން
އެފްބީއައިގެ ފަސް ބޭފުޅަކާއި، ނުވަ ބޭފުޅުންގެ މައްޗަށް އެކުލެވޭ ސައުދީ
އަރަބިއްޔާގެ ފޮރެންސިކް ތަޖުރިބާކާރުންގެ ޓީމެއް ރާއްޖެ އައިސް މިހާރު ދަނީ
ތަޙުޤީޤްގައި އަމަލީ ގޮތުން ބައިވެރިވަމުންނެވެ.



ސަރުކާރުން މިހާރު ވަނީ
ކުރިއަށް އޮތް ތަނުގައި އެފަދަ ނުރައްކާތެރި ޙާދިސާއެއް މެދުވެރިނުވާނެ ފަދަ
ގޮތަށް އަމަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް 
ލަފާއެރުވުމަށް ފުލުހުންނާއި ސިފައިން ހިމެނޭ ޚާއްސަ ކޮމިޓީއެއް
އެކުލަވާލާފައެވެ.