ދުނިޔެ

އެމެރިކާގައި މަރުވި ޢަދަދު ބައި މިލިއަނަށް


އެމެރިކާގައި ކޯވިޑް-19 ޖެހިގެން މަރުވި މީހުންގެ ޢަދަދު ބައި މިލިއަން ހުރަސްކޮށް މައްޗަށް އަރައިފިއެވެ. މީ މި ބަލީގައި އެއް ޤައުމަކުން އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވާ ޢަދަދެވެ. ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވަނީ ބުރެޒިލުގައެވެ. އެ ޤައުމުގައި 166،699 މީހުން މަރުވެފައިވާއިރު 130،993 މަރާއިއެކު ތިންވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވަނީ އިންޑިޔާގައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕަކީ އެންމެ ފުރަތަމަ ކޯވިޑް ފެތުރެންފެށީއްސުރެ އެ ބައްޔަކީ އެހާ ނުރައްކާތެރި ބައްޔެއް ނޫންކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ބޭފުޅެކެވެ. މާސްކު ބޭނުންކުރެއްވުމުގައިވެސް ފަރުވާ ކުޑަ ބޭފުޅެއްގެ ގޮތުގައި ފާހަގަވެފައިވާ ރައީސް ޓްރަންޕުވަނީ ނޮވެމްބަރު މަހުގެ 3ވަނަ ދުވަހު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބަށް ކެންޕެއިނު ކުރެއްވުމަށް ބޮޑެތި އެއްވުންތައްވެސް ބާއްވަވާފައެވެ.

އިންތިޚާބު ނާކާމިޔާބުވެވަޑައިގަތުމުން އިންތިޚާބުގެ ނަތީޖާ ބަލައިގަތުމަށް އެމަނިކުފާނު ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ. އެކަމުގެ ސަބަބުން ބަލިފެތުރުން ހުއްޓުވުމަށް ބޭނުންވާ މުހިންމު މަޢުލޫމާތުތަކާއި ތަފާސް ހިސާބުތައް ލިބެން ނެތްކަމަށް އިންތިޚާބީ ރައީސް، ޖޯ ބައިޑަން ގެންދަވަނީ ވިދާޅުވަމުންނެވެ. އަދި އެ މަޢުލޫމާތު ޙިއްޞާނުކުރާނަމަ އިންތިޤާލީ ވަފުދަށް ބައްޔާއި ދެކޮޅަށް އެންމެ އެދެވޭގޮތަށް ތައްޔާރުވުމުގައި ދަތިތަކަކާއި ކުރިމަތިލާންޖެހޭނެކަންވެސް ބައިޑަން ވަނީ ފާހަގަކުރައްވާފައެވެ
.
އެމެރިކާގައި ދުވާލެއްގެ މައްޗަށް 150،000އަށްވުރެ ގިނަ މީހުންނަށް ބަލިޖެހި 1،000އަށްވުރެ ގިނަ މީހުންދަނީ މަރުވަމުންނެވެ. އިޖުތިމާޢީ ގައިދުރުކަމާއި މާސްކު އެޅުންފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެމެރިކާގެ އެކި ސްޓޭޓުތަކުގައި އަޅަނީ އެކި މިންވަރަށެވެ.

ބަލިފެތުރޭ ނިސްބަތް އިތުރުވުމުގެ ސަބަބުން އެމެރިކާގެ އެންމެ ބޮޑު ތަޢުލީމީ ނިޒާމު އޮންނަ ނިއުޔޯކު ސިޓީގެ ހުރިހާ މަދަރުސާއެއް ބަންދުކުރުމަށް އެ ސިޓީންވަނީ ނިންމާފައެވެ. ބަލީގެ ފުރަތަމަ އަދި ދެވަނަ ރާޅުގައިވެސް މާ ބޮޑަށް ޙާލަތު ގޯސްވެފައިނުވާ މިޑްވެސްޓު ސަރަޙައްދުގައި ބަލިފެތުރޭ މިންވަރު މިހާރުވަނީ ކަންބޮޑުވާ މިންވަރަށް އިތުރުވެފައެވެ.

ދެ ވެކްސިނެއްގެ ތަހުލީލުތަކުން އުންމީދީ ނަތީޖާތަކެއް ފެނިފައިވާއިރު ވެކްސިނެއް ލިބެންދެން މާސްކު އެޅުމާއި އިޖުތިމާޢީ ގައިދުރުކަމުގެ ފިޔަވަޅުތައް އެޅުމުގައި ދެމިތިބުމަށް ބައިޑަންވަނީ އެމެރިކާގެ ރައްޔިތުންނަށް ގޮވާލައްވައިފައެވެ.