ޚަބަރު

ފަނަރަ އަހަރަށް ފަހުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް އިންކިއުބޭޓަރެއް ލިބިއްޖެ


ފަނަރަ އަހަރުގެ ދިގު އިންތިޒާރަކަށްފަހު ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް އިންކިއުބޭޓަރެއް ލިބިފައިވާކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ.

މިކަމާގުޅޭގޮތުން މައުލޫމާތު ދެއްވަމުން ހޮސްޕިޓަލްގެ މެނޭޖަރ އަހުމަދު ދާއޫދު ވިދާޅުވީ، އެހޮސްޕިޓަލުގައި މީގެ ކުރިން ކުޑަކުދިންގެ އައިސީޔޫއެއް ޤާއިމުވެފައި ނެތުމާއި، އިންކިއުބޭޓަރެއް ނެތުމުން، ވިހެމަށް މާލެއަށް ދާންޖެހޭ މީހުންގެ ނިސްބަތް ވަރަށް ބޮޑަށް މަތިކަމަށެވެ.

އެހެންނަމަވެސް އެންއައިސީޔޫއަށް ލިބުނު މި ކުރިއެރުމުގެ ސަބަބުން ދުވަސް ނުފުރައި ވިހާކުދިން މާލެއަށް ފޮނުވުމުގެ ބަދަލުގައި އެފަދަ ކުދިންނަށް ކޭއާރްއެޗުގައި އެކަށީގެންވާ ސިއްޚީ ފަރުވާ ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިވެގެން ދާނެކަމަށެވެ. އަދި މި އަހަރުގެ ތެރޭގައި އެންއައިސީޔޫއަށް ޒަމާނީ ފެންވަރުގެ 3 ބޭބީ ވާމާސް އަދި 2 ނިއޯނޭޓަލް ވެންޓިލޭޓާސް ވަނީ ލިބިފައިކަމަށްވެސް އެހޮސްޕިޓަލުން ހާމަކުރައްވާފައިވެއެވެ.

ކޭއާރްއެޗްގެ މެނޭޖަރ އަހުމަދު ދާއޫދު އިތުރަށް ވިދާޅުވިގޮތުގައި، ދުވަސް ނުފުރާ ވިހާ ކުދިންނާއި އަލަށް އުފަންވާ ކުދިންނަށް ފަރުވާދެވެން ނެތިގެން، މިއަހަރު ތެރޭގައި އެހޮސްޕިޓަލުގައި އުފަންވި ވިއްސަކަށް ކުދިން މާލެއަށް ފޮނުވާލަން ޖެހުނު ކަމަށެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ މާލޭން އުތުރުގައި ހުރި އެންމެ ގިނަބަޔަކު ހިދުމަތް ހޯދާ ހޮސްޕިޓަލެވެ. މިހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ދަނީ ހޮސްޕިޓަލަށް ބޮޑެތި ކުރިއެރުންތަކެއް ހޯދައިދެމުންނެވެ.