ވިޔަފާރި

އޮޑިއެޕް އެސިސްޓެންސް: ލޯންޗުދަތުރުކުރާ އޮޑިވެރިންނަށް ބޮޑު ފަސޭހައެއް


ރާއްޖޭގައި ކަނޑުދަތުރުފަތުރު ކުރާ ސްޕީޑްބޯޓްތައް ފަސޭހަކަމާއިއެކު މެނޭޖް ކުރެވޭނެ ޕްލެޓްފޯމެއް ޤާއިމްކޮށްފިއެވެ.

އަމިއްލަ ކުންފުންޏެއް ކަމަށްވާ އޮޑިއެޕްއިން ރާއްޖެއަށް ތައާރަފްކުރި އޮޑިއެޕް އެސިސްޓެންސް މެދުވެރިކޮށް ލޯންޗްތަކުގެ ބުކިން ހެއްދުމާއި ފައިސާ ދެއްކުމުގެ އިތުރުން ފަސޭހަކަމާއިއެކު އީޓިކެޓް ފަސިންޖަރަށް ފޮނުވާލެވޭނެއެވެ. އޮޑިއެޕުން ވަނީ އޮޑިއެޕް އެސިސްޓެންސް ޕޯޓަލްގެ އިތުރުން އޮޑިއެޕް އެސިސްޓެންޓް މޯބައިލް އެޕްލިކޭޝަންވެސް ތައާރަފުކޮށްފައެވެ.

އޮޑިއެޕް އެސިސްޓެންސް އަކީ އޮޑިވެރިޔާއަށް މުޅިން ހިލޭ ދޫކޮށްލެވޭ ޕްލެޓްފޯމެކެވެ. އަދި މިޕްލެޓްފޯމުގައި ރަޖިސްޓްރީވާ ވިޔަފާރިތަކަށް ޚާއްސަކޮށްގެން މާކެޓިން އަދި ސޭލްސް ޕިޗްތަކެއްވެސް އެކުންފުނީގެ ފަރާތުން ފޯރުކޮށްދޭން ވަނީ ނިންމާފައެވެ.

އޮޑިއެޕް އެސިސްޓެންސްގެ އިތުރުން އާއްމުންނަށް ޓިކެޓް ނެގޭނެ އޮޑިއެޕްގެ ޕްލެޓްފޯމެއް ތައާރަފްކުރަން ތައްޔާރުވަމުންދާކަމަށްވެސް އެކުންފުނިން ހާމަކުރެއެވެ.