ހުވަދު އަތޮޅު ދެކުނުބުރީ މާވާރުލުގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ
ވައިގެ ބަނދަރުގެ %80 މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެ އެއަރޕޯޓްގެ ކޮންޓްރެކްޓަރ މޫވިންގ އިންޓަރނޭޝަނަލް
އިން ހާމަކޮށްފިއެވެ.
 
މޫވިން އިންޓަރނޭޝަނަލް އިން ބުނީ އެ އެއަރޕޯޓްގެ ރަންވޭ
ކޮނުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި ދެން ކުރިއަށްދާނީ ރަންވޭގައި
ތާރު އެޅުމުގެ މަސައްކަތް ކަމަށެވެ. އަދި އެއަރޕޯޓްގެ ޓާރމިނަލްގެ މަސައްކަތްވެސް
މިހާރު ނިމުމަކާއި ކައިރިވެފައިވާ ކަމަށާއި އެގޮތުން ޓާރމިނަލްގެ ވެސް މިހާރު
ކުރިއަށްދަނީ ފިނިޝިންގްގެ މަސައްކަތް ކަމަށެވެ.
 
މާވާރުލު އެއަރޕޯޓްގެ މަސައްކަތް ނިމެން ކައިރިވެފައިވީ
ނަމަވެސް މި އެއަރޕޯޓުން ޙިދުމަތް ދެވެން ފެށޭނެ ދުވަހެއް ބުނަން ނޭގޭ ކަމަށް މޫވީން އިންޓަރނޭޝަނަލުން ބުނެއެވެ. 
 
ހުވަދު އަތޮޅު ދެކުނުބުރީ މާވާރުލުގައި ތަރައްޤީ ކުރާ އެއަރޕޯޓަކީ 1200 މީޓަރުގެ ދިގު ރަންވޭ އަކާއި އެކު ތަރައްޤީ ކުރާ އެއަރޕޯޓެކެވެ.
 
2011 ވަނައަހަރު  ސަރުކާރުން މާވާރުލު
ވައިގެ ބަނދަރު ތަރައްގީކުރުމަށް މޫވިންގ އިންޓަނޭޝަނަލްއާއި ހަވާލުކުރިނަމަވެސް
އެމަސައްކަތް މެދުކެނޑިފައިވަނީ، ވައިގެ ބަނދަރު ހެދުމަށް ޝަރުތުކޮށް، މޫވިންގ އިންޓަނޭޝަނަލްއަށް ރިޒޯޓެއް ތަރައްގީ ކުރުމައްޓަކައި، ދީފައިވާ ގދ.
ކޮނޑާންހުއްޓާ ކިޔާ ފަޅުރަށަކީ ރިޒޯޓެއް ތަރައްގީ ކުރުމަށް އެންމެ އެކަށީގެންވާ
ރަށަކަށް ނުވާތީ، ކަމަށް މޫވިންގ އިންޓަނޭޝަނަލުންބުނެއެވެ.
 
އެހެންނަމަވެސް ސަރުކާރުން
ވަނީ 2013 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެތެރޭގައި ކޮނޑާނަހުއްޓާގެ
ބަދަލުގައި ގއ.މާރެހާކިޔާ ފަޅުރަށެއް ރިޒޯޓް ތަރައްގީކުރުމަށް އެކުންފުންޏާއި
ހަވާލުކޮށްފައެވެ.