ދުނިޔެ

ކޯވިޑްގައި މަންމައާއި ބައްޕަ މަރުވީ އެންމެ ހަތަރުމަހުގެ ތެރޭ


އުމުރުން އެންމެ ހަތަރު އަހަރުގެ ރައިޑަން ގޮންޒަލޭޒްގެ ބައްޕަ އެ ތުއްތު ކުއްޖާއި އުމުރަށް އަލްވަދާޢު ކިއީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ. ރައިޑަންގެ ބައްޕަ އުމުރުން 33 އަހަރުގެ އާޑެން ގޮންޒާލޭޒް މަރުވީ އެނާ އަލަށް ވަޒީފާއެއް ހޯދާ އެ ވަޒީފާއަށް ނުކުތްތާ ދުވަސްކޮޅެއްގެ ތެރޭގައެވެ.

ބޮޑީ ބިލްޑްކުރާ އާޑެންގެ ޓްރެއިނަރަށް ކޯވިޑް ޖެހުނުތާ މާގިނަ ދުވަސްތަކެއް ނުވެ އާޑެންގެ ހަށިގަނޑުންވެސް ބަލީގެ އަލާމާތްތައް ފެންނަން ފެށިއެވެ. ޓްރެއިނަރަށް ބަލި ޖެހުނުތާ 3 ދުވަސްފަހުން އާޑެން ބައްޔަށް ޕޮޒިޓިވްވެ، ހަ ދުވަހުގެ ތެރޭގައި އޭނާގެ ޙާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދޭން ފެށީއެވެ. އައިސީޔޫގައި ފަރުވާދެމުންދާތާ ދެ ހަފްތާ ފަހުން އާޑެންވަނީ މަރުވެފައެވެ.

އާޑެން މަރުވި ޚަބަރު އޭނާގެ 4 އަހަރުގެ ދަރިފުޅު، ރައިޑަނަށް ބުނެދިނީ އާޑެންގެ އަންހެނުން، އުމުރުން 29 އަހަރުގެ މާރިއާ ގޮންޒެލޭޒްއެވެ. ރައިޑަންގެ ބައްޕަ ދެން ދުވަހަކުވެސް ނުފެންނާނެކަން ވިސްނެން ރައިޑަނަށް ވަގުތު ނެގިއެވެ. ނަމަވެސް ބައްޕަ މަރުވީ ވަރަށް ބޮޑަށް ބަލިވުމުގެ ސަބަބުންކަން އެ ކުއްޖާއަށް ވިސްނާދޭން އެތައް މަސައްކަތެއް ކުރަން ޖެހުނެވެ.

ފިރިމީހާ ވަކިވެ ތުއްތު އާޑެން ގޮވައިގެން އުޅެންޖެހުމުން މާރިއާ އޭނާގެ ދުވަސްތައް ހޭދަކުރަމުންދިޔައީ މާޔޫސްކަމުގެ ތެރޭގައެވެ. އޭނާގެ ޖިސްމާނީ ދުޅަހެޔޮކަމަށް އަސަރެއްކޮށްފައިނުވިނަމަވެސް ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ.

ފިރިމީހާ އާޑެން މަރުވިތާ ހަތަރު މަސްފަހުން މާރިއާއާއި އޭނާގެ މަންމަ ބާޒާރުކުރުމަށް ނުކުމެ ދުވަހުގެ ބޮޑުބައި ހޭދަކުރީ ބާޒާރުގައި ހޭދަކުރިއެވެ. ބާޒާރުކޮށް ނިމުމަށްފަހު ދެމައިން ގެއަށް އައިސް ރޭގަނޑުގެ ކެއުން ނިންމާލީ ބޭރުން އޯޑަރުކުރި ކާނާ ގެނެސްގެންނެވެ. ނަމަވެސް އާދައިގެ ދުވަހެއް މުޅިން އެހެން ގޮތަކަށް ބަދަލުވުމަށް ނެގީ ކުޑަ ވަގުތުކޮޅެކެވެ.

މާރިއާއަށް ނޭވާލުމަށް އުނދަގޫވެ މެއަށް ތަދުވާން ފެށިއެވެ. އެމެޖެންސީގައި ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓްކުރިއެވެ. އެއީ މާރިއާގެ އާއިލާއަށް އޭނާ ދިރިހުއްޓާ ފެނުނު އެންމެ ފަހު ފަހަރެވެ. އަނެއް ދުވަހު ހެނދުނުގެ ވަގުތެއްގައި މާރިއާވެސް މަރުވިއެވެ. ފިރިމީހާ މަރުވިތާ މާގިނަދުވަސްތަކެއް ނުވަނީސް މާރިއާވެސް ދުނިޔެ ދޫކުރީ ކޯވިޑް ބަލީގައެވެ. މާރިއާ މަރުވީ ބަލީގެ ސަބަބުން ނިއުމޯނިއާ ޖެހި ނޭވާލުމުގެ ނިޒާމު މަސައްކަތްކުރުން ހުއްޓުމުންނެވެ.

އުމުރުން ހަތަރު އަހަރުގެ ރައިޑަންގެ ޒުވާން މަންމައާއި ބައްޕަވެސް މި ދުނިޔެ ދޫކުރީ ކޯވިޑް ބަލީގައެވެ. ކުޑަކުޑަ ރައިޑަންއަށް އޭނާގެ ބައްޕައާއި ގުޅޭގޮތުން ސުވާލުކޮށްފިނަނަމަ ބުނަނީ މިހެންނެވެ. ބައްޕަ ގެންދިޔައީ ކޯވިޑް ކަމަށެވެ. ނަމަވެސް މަންމަވެސް ދުނިޔޭގައި ނެތްކަން ރައިޑަންއަށް އެނގުނީ މަންމަ ގޭގައި ނޫޅޭތާ ގިނަދުވަސްވެ އެކަމާއި ހަތަރު އަހަރުގެ ރައިޑަން ސުވާލުތައް ގިނަވާން ފެށުމުންނެވެ.

ރައިޑަންގެ މަންމައާއި ބައްޕަ މަރުވުމުން، އެ ކުއްޖާ މިހާރު ބަލަހައްޓަނީ މަންމަ ފަރާތު މާމަ އެވެ. ރައިޑަންގެ އާއިލާއިން ބޭނުންވަނީ ބޮޑު ހިތާމައެއް ލިބިފައިވާ ކުޑަކުޑަ ރައިޑަނަށް އުފާވެރިކަން ގެނެސްދިނުމަށެވެ.

ނޮވެމްބަރު މަހުގެ 22ވަނަ ދުވަހަކީ ރައިޑަންގެ މައިންބަފައިން މަރުވި ފަހުން ފާހަގަކުރާ ރައިޑަންގެ ފުރަތަމަ އުފަން ދުވަހެވެ. އެހެންކަމުން މި އަހަރުގެ އުފަންދުވަހަކީ ރައިޑަނަށް ވަރަށް ޚާއްޞަ އުފަންދުވަހަކަށް ހެދުމަށް ޢާއިލާއިން ވަރަށް ބޭނުންވެއެވެ. މި އަހަރުގެ އުފަންދުވަސް ކުލަގަދަ ގޮތަކަށް ފާހަގަކުރުމަށް އެ ޢާއިލާއިންވަނީ ޢާންމުންގެ އެހީތެރިކަމަށް އެދިފައެވެ. އެގޮތުން ރައިޑަނަށް ޚާއްސަކޮށް ޕެރޭޑެއް ބާއްވައި، އެ ޕެރޭޑުގައި އަވަށްޓެރިންނާއި އެކި ޖަމުއިއްޔާތަކުން ބައިވެރިވާނެކަމަށްވަނީ ބުނެފައެވެ. އެ ޢާއިލާ ދިރިއުޅޭ ސަރަޙައްދުގެ އަލިފާން ނިއްވާ ޑިޕާޓްމަންޓުންވެސް އެ ޕެރޭޑުގައި ބައިވެރިވާނެކަމަށް ބުނެފައިވާއިރު ޕާޓީތަކުގައި މުނިފޫހި ފިލުވާދޭ 'ބެޓްމޭން'އަކާއި އެ ސަރަޙައްދުގައި ހުންނަ މޮންސްޓާ ޓްރަކް ކުލަބުތަކާއި ކުލަސިކް ކާރު ކުލަބުތަކުންވެސް ޕެރޭޑުގައި ބައިވެރިވާނެއެވެ.

ރައިޑަން އުފާކޮށްދިނުމުގެ އިތުރުން އޭނާއަށް ވަރަށް މުހިންމު އެހެންކަމެއް އެބައޮތްކަމަށެވެ. އެއީ ކޯވިޑް-19އަކީ ކިހާ ނުރައްކާތެރި ބައްޔެއްކަން މީހުން ޤަބޫލުކުރުމެވެ.