ވިޔަފާރި

ޖިނާއީ މައްސަލަތައް ތަހުޤީގުކުރުމުގައި މީރާއިން އަމަލުކުރާނެ އިޖުރައާތުގެ ޤަވާއިދު ގެޒެޓްކޮށްފި

ޖިނާއީ މައްސަލަތައް ތަހުޤީގުކުރުމުގައި މީރާއިން އަމަލުކުރާނެ އިޖުރައާތުގެ ޤަވާއިދު ގެޒެޓްކޮށްފިއެވެ. މި ޤަވާއިދު ގެޒެޓްކޮށްފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ.

މި ޤަވާއިދަކީ ޖިނާއީ އިޖުރައާތުގެ ޤާނޫނުގެ ދަށުން ބާރު ލިބިގެން، މީރާގެ އިޙްތިޞާޞް ހިމެނޭ ދާއިރާތަކާއި ކަންކަމުގެ ތެރެއިން ޓެކުހާއި ގުޅޭ ޖިނާއީ ކުށުގެ ތަހުޤީޤުތައް ކުރިއަށް ގެންދިއުމުގައި މީރާއިން އަމަލުކުރާނެ އުސޫލު ބަޔާންކޮށް ތައްޔާރުކޮށްފައިވާ ޤަވާއިދެއްކަމަށް މީރާއިން ބުނެއެވެ. އަދި މި ޤަވާއިދަކީ ޖިނާއީ އިޖުރައާތުގެ ޤާނޫނުން މީރާއަށް ދީފައިވާ ބާރުތަކުން ބޭރުން އިތުރު ބާރުތަކެއް ލިބޭ ޤަވާއިދެއް ނޫންކަމަށްވެސް މީރާއިން ބުނެއެވެ.

މީރާއިން މައުލޫމާތުދޭ ގޮތުގައި މި ޤަވާއިދުގައި ޓެކުހާއިގުޅޭ ކުށެއް ކޮށްފިކަން ނުވަތަ ކުށެއް ކުރާކަމުގެ ނުވަތަ ކުށެއް ކުރަން އުޅޭކަމުގެ މައުލޫމާތު މީރާއަށް ހުށައެޅުމުން މީރާއިން އަމަލުކުރާނެގޮތާއި މައްސަލަ ހުށައެޅުމުގައި އަމަލުކުރާނެ އުސޫލުތައް ހިމަނާފައިވާނެއެވެ. އަދި މީރާއިން ކުރިއަށްގެންދާ ތަހުޤީގަކާއި ގުޅިގެން މީހުން ހާޒިރުކުރުމާއި ސުވާލުކުރުމުގައި އަމަލުކުރާނެ އުސޫލުތައް މި ޤަވާއިދުގައި ކަނޑައަޅާފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.

މީގެއިތުރުން މި ޤަވާއިދުގައި މީރާއިން ކުރިއަށްގެންދާ ތަހުޤީގަކާއި ގުޅިގެން ބަލައި ފާސްކުރުމާއި ތަކެތި ހިފެހެއްޓުމުގައި އަމަލުކުރާނެ އުސޫލުތަކާއި، މިފަދަ ތަހުޤީގަކާއި ގުޅިގެން ޕާސްޕޯޓް ހިފެހެއްޓުމާއި، ބޭންކް އެކައުންޓް މޮނިޓަރ ކުރުމާއި، އެކައުންޓްގައިވާ ފައިސާ ހިފެހެއްޓުމުގައި އަމަލުކުރާނެ އުސޫލުތައްވެސް ކަނޑައަޅާފައިވެއެވެ.

މީރާއަކީ 2010 ވަނަ އަހަރު ތަސްދީޤުކޮށްފައިވާ ޓެކްސް ނެގުމާއިބެހޭ ޤާނޫނުގެ ދަށުން ތަހުޤީގު ކުރުމުގެ ބާރު ލިބިފައިވާ މިނިވަން މުސްތަގިއްލު މުއައްސަސާއެކެވެ.