ޚަބަރު

މަޖީދިއްޔާ ސްކޫލްގެ 2014ގެ އެންމެ މޮޅު ދަރިވަރަކީ ޔޫސުފް ރިފްދާން


މަޖީދިއްޔާ ސުކޫލްގެ 2014 ވަނައަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ޔޫސުޕް ރިފްދާން އަފީފް ހޮވިއްޖެއެވެ.ރޭ ބޭއްވި މަޖީދިއްޔާ ސްކޫލްގެ 2014 ވަނައަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި ވަނީ 2014 ވަނައަހަރު ތައުލީމީ ދާއިރާގެ އިތުރުން އިތުރު ހަރަކާތްތަކުން ވަނަވަނައަށް ހޮވުނު ދަރިވަރުންނަށް އިނާމު ދީފައެވެ. އެސްކޫލްގެ 2014 ވަނައަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރު ނުވަތަ މަޖީދިއްޔާ ސްކޫލްގެ ގޯލްޑް ސްޓާރ އަކަށް ހޮވުނު ޔޫސުފް ރިފްދާން އަފީފަށް އިނާމު ހަވާލުކޮށްދެއްވީ ހަފްލާގެ ޝަރަފްވެރި މެހެމާނު، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ އަބްދުﷲ ނަޒީރެވެ. އެސްކޫލްގެ 2014 ވަނައަހަރުގެ ސިލްވަރ ސްޓާރ އަކަށް ހޮވިފައިވަނީ އަބްދުﷲ ޔާފިޒެވެ. އަދި ބްރޮންޒް ސްޓާރ ލިބިފައިވަނީ މުހައްމަދު މުޒާހް އަދި އަބްޔާން މުހައްމަދު ސަލީމަށެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބުދުﷲ ނަޒީރު ވަނީ ޢިލްމު އުނގެނުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. އަދި ތައުލީމު އުނގަންނައިދިނުމުގައި ކުރިމަގުގައި ދަރިވަރުންނަށް ފައިދާކުރާނެގޮތަށް އަމާޒުކޮށް ތައުލީމު އުނގަންނައިދިނުމަށް ސްޓޭޓް މިނިސްޓަރ އިލްތިމާސް ކުރެއްވިއެވެ.މިރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމްގެ އިތުރުން ތައުލީމީ ދާއިރާގެ އިސް ގިނަބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.