ދައުލަތުން ޓެކްސް ނަގަނީ ހަމައެކަނި ދައުލަތަށް ޢާމްދަނީ އިތުރުކުރުމަށް ކަމަށް ދެކެވަޑައިނުގަންނަވާކަމަށާ އެއީ ރައްޔިތުންނަށް އެކި ދާއިރާތަކުން މަންފާތަކެއް ހޯއްދަވައިދެއްވައި ތަރައްޤީ ގެންނެވުމަށް ހޯދާ ޢާމްދަނީއެއްކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ. އަދި ޢާއްމު ރައްޔިތުން އަތުން ޓެކްސް ނަގާކަމުގައިވާނަމަ އެކަމުގެ ފައިދާ ރައްޔިތުންނަށް ލިބެންޖެހޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އަންނަ އަހަރަށް ދައުލަތަށް ލަފާކުރާ ބަޖެޓުގައި އިތުރު ދާއިރާތަކުން ޓެކްސް ނެގުމާގުޅޭގޮތުން ޕީއެސްއެމްނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާޢީލް ވިދާޅުވީ ޢާއްމު ރައްޔިތުންގެ އަތުން ޓެކްސް ނަގަނީ އެފައިސާއިން ޚިދުމަތްދެވޭކަމަށްވާނަމަ ކަމަށް ޤަބޫލުކުރައްވާކަމަށެވެ. އަދި ސަރުކާރުގެ ތެރެއިން އެކަން އެގޮތަށް ހިންގާކަމުގެ ޔަގީންކަން ދެއްވައި މިނިސްޓަރ ވިދާޅުވީ ޓެކްސް މެދުވެރިކޮށް ރައްޔިތުންނަށް އެކި ދާއިރާތަކުން މިހާރުވެސް ޚިދުމަތް ލިބެމުން އަންނަކަމަށާ ތަރައްޤީގެ އެކި މަޝްރޫޢުތައްވެސް މީގެދަށުން ހިންގަމުން އަންނަކަމަށެވެ.
މާލެއާއި އަތޮޅުތަކުގެ ރަށްރަށުގެ މަގުތައް ހެދުމަށް ހޭދަކުރުމަށް ރޯޑްވަދިނަސް ފީ ފަދަ ޓެކްސްތައް ނެގުމާގުޅޭގޮތުން ޢާއްމުންގެ ފަރާތުން ކުރާ ޝަކުވާތަކާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރ ވިދާޅުވީ މަގުތައް ހެދުމުގެ މަސައްކަތް ކުރިއަށް ދާކަމަށެވެ. މާލޭގެ މަގުތައް މިސާލެއްގެ ގޮތުން ނަންގަވައި މިނިސްޓަރ ވިދާޅުވީ މާލޭގެ މަގުތަކުގެ ޢަމަލީ މަސައްކަތްވެސް ކުރިއަށްދާކަމަށެވެ. ވިއްސާރަވެ ކުރިން ހިނގާބިނގާވެ ނުހެދޭ މާލޭގެ ވެސްޓްޕާކު ސަރަޙައްދުގެ މަންޒަރު މިހާރު ބަދަލުވެފައިވަނީ ރައްޔިތުންގެ ޓެކްސްއިންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"ވެސްޓް ޕާކު ސަރަޙާއްދު އެއީ ރޭ ކަހަލަ ރެއެއްނަމަ މީގެ އަހަރެއްހާ ދުވަސްކުރިންވެސް އޮބިނޯންނާނެ ސަރަޙައްދެއް އެއީ އިނގޭތޯ. އެކަމަކު މިހާރު ބައްލަވާ އެބަދަލު އެއޮތީ އައިސްފަ. އިތުރު މަގުތަކުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އެބަ ކުރިއަށްގެންދަވާ. މިކަންކަމަށް ވަގުތު ނަގާ އިނގޭތޯ. ޕޯޓެއް ހަދަންވެސް އައްޑޫ މަގުތައް ހެދުމަށްވެސް ވަގުތު ނަގާ. އަދި އަޅުގަނޑުމެން ބަޖެޓުގަ ޖެހިޔަސް ބައިވަރު ޕްރޮސެސްތަކެއް އެބަ ފޮލޯކުރަންޖެހޭ." މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.
މިނިސްޓަރވަނީ ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް ކޯވިޑް-19ގެ ސަބަބުން އަހަރެއްހައި ދުވަސް ގެއްލިފައިވާކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް އެއާއެކުވެސް ކުރެވެންހުރި ހުރިހާގޮތަކަށް މަސައްކަތްކުރައްވަމުން ގެންދަވަނީ ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމަކޮށްދެއްވުމަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހަށް ބަހުސްކުރުމަށް ފޮނުވި ބަޖެޓުގައި، ޢާމްދަނީ އިތުރުކުރުމަށް 6 ކަމެއްވަނީ ހިމަނާފައެވެ. އެއީ ޓެލެކޮމް ލައިސަންސް ފީއެއް ނެގުމާއި ޓުއަރިޒަމަށް ބިން ދޫކުރުމާއި، ދިވެހިންނަށް ބިން ވިއްކުމާއި ރިއަލް އެސްޓޭޓް ޓޫރިޒަމާއި ކޮންޖެޝަން ފީއާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއާއި އެއަރޕޯޓް ސަރވިސް ޗާޖުގެ ރޭޓުތައް ބަދަލުކުރުންފަދަ ގޮތްތަކުން ޢާމްދަނީ ހޯދުމެވެ. މިއާއެކު 1218 މިލިއަން ރުފިޔާ ހޯދޭނެކަމަށް މަޖިލީހަށް ހުށައަޅާފައިވާ ބަޖެޓުގައިވެއެވެ.